ސައޫދީ އަރަބިއްޔާ، ތުރުކީވިލާތް އަދި ޕާކިސްތާނުން މައްކާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގުޅިފައިވާ ތްރީ-ވޭ ނުވަތަ ޓްރައިލެޓަރަލް ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ އިސްލާމީ އުންމަތުގެ އެންމެ ބޮޑު ސުންނީ ތިން ގައުމުގެ މެދުގައި ގާއިމުކުރެވުނު މިފަދަ ފުރަތަމަ އަސްކަރީ އިއްތިހާދެވެ. ހުކުރު ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ސުއޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފެވެ.
މި އެއްބަސްވުމުގެ އެންމެ އަސާސީ އެއް ކަންތައް ކަމުގައިވާ އެކުވި ދިފާއު ނުވަތަ "ކޮލެކްޓިވް ޑިފެންސް" ގެ ދަށުން، މި ތިން ގައުމުން ކުރެ ގައުމަކަށް ދެވޭ އުދުވާނީ ހަމަލާއަކީ ބާކީ ދެ ގައުމަށްވެސް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ. މީގެއިތުރުން، ތިން ގައުމުގެ އަސްކަރީ ތަމްރީނުތައް ގުޅިގެން ހިންގުމާއި، ސިއްރު އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމުގެ އިތުރުން، ދިފާއީ އުފެއްދުންތަކާއި އިންޑަސްޓްރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. މިއާއެކު އަސްކަރީ އާލާތްތައް އުފެއްދުމުގައި ޓެކްނޮލޮޖީ ބަދަލުކުރުމާއި، ގުޅިގެން ދިފާއީ ދިރާސާތައް ކުރުންވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ.
މި އިއްތިހާދަކީ އިސްލާމީ ދުނިޔޭގައި އަސްކަރީ އަދި އިގްތިސާދީ ގޮތުން އެންމެ ނުފޫޒުގަދަ ތިން ގައުމުގެ ގުޅުމެކެވެ. އެގޮތުން ތުރުކީވިލާތަކީ ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރީ ބާރުގެ އިތުރުން ދިފާއީ އުފެއްދުންތެރިކަމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގައުމެކެވެ. އަދި ޕާކިސްތާނަކީ އިސްލާމީ ދުނިޔޭގައި އޮތް ހަމައެކަނި ނިއުކްލިއަރ ބާރު ކަމަށްވެފައި، އެ ގައުމުގައި ބޮޑު އެއްގަމު ސިޕާހީންގެ ބާރެއް އޮވެއެވެ. ސުއޫދީ އަރަބިއްޔާއަކީ އިސްލާމީ މުގައްދަސް ބިންތަކުގެ ރައްކާތެރިޔާގެ އިތުރުން މާލީ ގޮތުން އެންމެ ފުދުންތެރި އިގްތިސާދީ ބާރެވެ.
މެދުއިރުމަތީގެ މަޝްރަހު ނުވަތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ސައިން ކުރެވުނު މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމާއި ގައުމުތަކުގެ ސަރަހައްދީ ނަޒާހަތްތެރިކަން ހިމާޔަތްކުރުމަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ. އަދި ބޭރުގެ ގައުމުތަކަށް ދިފާއީ ކަންކަމުގައި ބަރޯސާވާ މިންވަރު ކުޑަވެ، ބައިނަލްއަގުވާމީ ބާރުތަކުގެ މެދުގައި ސިޔާސީ އަދި އަސްކަރީ މިސްރާބަށް ބޮޑެތި ބަދަލުތަކެއް އައިސް، އިސްތިރާޖީ ބާރުތަކުގެ ބެލެންސް އާ މިސްރާބަކަށް ބަދަލުވެގެންދާނެ ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.



