ފަލަސްޠީނުގެ ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ތައްޔާރުވުމުގެ ގޮތުން ޔަހޫދީ އަސްކަރިއްޔާއިން އިތުރު 40،000 ސިފައިން މައިދާނަށް ނެރެފިއެވެ.
އިތުރު ސިފައިން މައިދާނަށް ނެރެފައިވާއިރު ޢައްޒާ އިސްތިޢުމާރު ކުރުމަށް ރާވާފައި އޮތް އަސްކަރީ ޙަރަކާތައިގެން ކުރިއަށް ދާނެ ގޮތަކާމެދު ޔަހޫދީ އިސްވެރިންގެ މެދުގައި ދެބަސްވުންތައް ވަނީ އުފެދިފައެވެ.
އިސްރާއީލުގެ އަމާޒަކީ ދުނިޔޭގެ ނުރުހުންތަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، މުޅި ޣައްޒާ ސިޓީގެ ކޮންޓްރޯލް ހިފުމުގެ ވިސްނުމުގައި އިސްރާއީލުން ދެމިތިބިކަން ހާމަކުރުމެވެ. އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ ހަމަލާއަށް ތައްޔާރުވުމުގެ ގޮތުން ސިފައިން މިހާރު ހަރަކާތްތެރިވަނީ ޒީތޫން އަދި ޖަބާލިއާ ސަރަހައްދުގައި ކަމަށެވެ.
އައްޒާ ހިސާރުކުރުމުގެ ބޮޑު ޕްލޭނާއެކު، އިސްރާއީލުން ވަނީ މީގެ ކުރިންވެސް ގާތްގަނޑަކަށް 60،000 އެއްހާ ރިސާވިސްޓުން ހާޒިރުކޮށް، އެކްޓިވް ޑިއުޓީ ސިފައިންނަށް މި އޮޕަރޭޝަންގައި ބައިވެރިވުމުގެ ފުރުސަތު ދީފައެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ޕްލޭންގެ ޓައިމްލައިންތައް ހަލުވި ކޮށްފައިވާއިރު އޭނާ މި ޕްލޭން ސިިފަކޮށްފައިވަނީ ޢައްޒާގެ "އެންމެ ފަހުގެ ޓެރަރ ބާރުތައް" ގޮތުގައެވެ.
މިކަމާ ގުޅިގެން ހަމާސް އިން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުގެ ލީޑަރު ޣައްޒާ ސިޓީގައި ކުށެއް ނެތް އާންމުންނާ ދެކޮޅަށް ހިންގަމުން އަންނަ އަނިޔާވެރި ހަނގުރާމައެއް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓި ކަމަށް ތުހުމަތުކޮށް، ސަރަހައްދީ މެދުވެރިން ހުށަހެޅުއްވި އާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ މެދު އިސްރާއީލުގެ އިހުމާލުވުން ކުށްވެރިކޮށްފަ އެވެ. މި ހުށަހެޅުމާ ގުޅިގެން އިސްރާއީލުން އަދި ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ޔަހޫދީން ޢުދުވާން ފެށީއްސުރެ މިހާތަނަށް ޣައްޒާގެ 63,600 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 18،430 ކުޑަކުދިން ވެސް ހިމެނެއެވެ. ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި ވެސް 100އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 35 މީހުން ޝަހީދުކޮށްލާފައި ވަނީ އުތުރުގެ ސަރަޙައްދެއް ކަމަށްވާ ޣައްޒާ ސިޓީގައެވެ. ޝަހީދުވި މީހުުންގެ ތެރޭގައި ނޫސްވެރިއެއް ކަމަށްވާ ރަސްމީ ސަލީމް ވެސް ހިމެނެއެވެ. ޣައްޒާ ޢުދުވާނުގައި މިހާތަނަށް 248 ނޫސްވެރިން ޝަހީދުކޮށްލާފައިވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ބަނޑަށް ޖެހުމުގެ ސަބަބުން ވެސް އިތުރު 13 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ. އެއާއެކު ޢުދުވާން ފެށި ފަހުން ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްަޒާގައި ޝަހީދުވި މީހުންގެ ޢަދަދު ވަނީ 361އަށް އުފުލިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




