ސިންގަޕޫރުގައި ވޭޕް ބޭނުންކުރުމަކީ މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށަކަށް ހައްދަވާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ އެއްވުމެއްގައި ދެއްވި ހިޠާބެއްގައި ބޮޑުވަޒީރު ވޮންގ ވިދާޅުވީ ކޮންމެ ޖީލަކުން ވެސް ނުރަނގަޅު އާދަތަކުގެ ސަބަބުން ޒުވާނުންނަށް ކޮށްފާނެ ނޭދެވޭ އަސަރަކާ މެދު ކަންބޮޑުވާ ކަމަށާއި އަބަދުވެސް ކޮންމެވެސް އައު ހިރާހެއް އުފެދޭނެކަމަށާއި، އެ ގޮތުން ވޭޕް ކުރުމަކީ ވެސް އެ ފަދަ ނުރައްކަލެއް ކަމަށެވެ.
އަދި ވޭޕް ބޭނުންކުރުމަކީ ސިންގަޕޫރުގައި މަނާ ކަމެއް ނަމަވެސް އެ ޤައުމަށް ވަގަށް ވޭޕް އެތެރެކުރުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށް ފާހަގަކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ވޭޕް ކުރާ ސާމާނު ގެންގުޅޭ ކަމަށާއި މި ފަދަ ވޭޕް ބޭނުންކުރާއިރު އޭގައި ދެވި ހިފާ މާއްދާތައް ހިމެނޭއިރު އޭގައި ޞިއްޙަތަށް ގެއްލުންހުރި އެޓޮމިޑޭޓް ހިމެނޭ ކަމަށެވެ. ވޭޕްކުރަން ބޭނުންކުރާ އާލާތްތަކަށް ވުރެ ނުރައްކާ ބޮޑީ އޭގައި ހިމެނޭ މާއްދާތައް ކަމަށާއި މި ވަގުތު އާއްމުކޮށް ބޭނުންކުރާ މާއްދާއަކީ އެޓޮމިޑޭޓްކަމަށްވި ނަމަވެސް އަދި އެއަށްވުރެ މާ ބާރުގަދަ އަދި ނުރައްކާތެރި މާއްދާތައް ކުރިއަށް އޮތް ތަނުގައި ބޭނުންކުރުން އެކަށީގެންވާ ކަމަށްވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
2018ވަނަ އަހަރު ސިންގަޕޫރުގައި ވޭޕް ކުރުން މަނާކޮށްފައިވާއިރު އެ ޤައުމުގެ ޤާނޫނުގައި މިހާރު އޮތް ގޮތުން ވޭޕް ގެންގުޅުމާއި ބޭނުންކުރުމާއި ގަތުމަކީ 2،000 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭ ކުށެކެވެ. ނަމަވެސް ހަމައެކަނި ޖޫރިމަނާއެއްގެ ގޮތުގައި އަދަބު ކަނޑައަޅާފައި އޮތުމަކީ މި ޙާލަތުގައި އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، އެއަށްވުރެ ބޮޑެތި އަދަބުތައް ދޭންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވޭޕްގެ މައްސަލަތަކުގައި ޢަމަލުކުރާނީ ވަރަށް ހަރުކަށިކޮށް ކަމަށް ވޮންގ ވިދާޅުވިއެވެ. އަދި މީގެ ފަހުން އެއީ ޑްރަގް މައްސަލައެއްގެ ގޮތުގައި ބަލައި، ދޭ އަދަބު އިތުރަށް ހަރުކަށިކުރާނެ ކަމަށާއި އެގޮތުން ޖަލު ހުކުމާއި އެހެނިހެން ބޮޑެތި އަދަބުތައް ދޭނެ ކަމަށް ވޮންގ ވިދާޅުވިއެވެ.
މިއާއެކު، ވޭޕަށް ދެވިހިފާފައިވާ މީހުން އެ ކަމުން ސަލާމަތްކުރުމަށް އެ ފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އޭގެ ނުރައްކާތަކާމެދު އާއްމުން ހޭލުންތެރިކުރުމުގެ ޚާއްޞަ މަޝްރޫޢުއެއް ފަށާނެ ކަމަށާއި، ވޭޕްގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތަކީ ޤައުމީ ފެންވަރުގައި ކުރާނެ މަސައްކަތެއް ކަމަށާއި އަދި އެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވާނީ ސިންގަޕޫރުގެ ދާޚިލީ ވުޒާރާއާއި ޞިއްޙީ ވުޒާރާއިންކަމަށް ވިޔަސް، މަސަައްކަތުގައި މުޅި ސަރުކާރުން ޝާމިލުވާނެ ކަމަށް ވެސް ވޮންގ ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް