ޖަލުގައި ސިއްހީ ހާލު ގޯސްވަމުންދާތީ އަވަސް ފަރުވާއަށް އިމްރާން ޚާން އެދިވަޑައިގެންފި

ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، އެމަނިކުފާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ސިއްހީ ހާލު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ، އަވަސް ސިއްހީ ފަރުވާއަށް އެދިވަޑައިގެންފިއެވެ.

ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ލީޑަރު، 74 އަހަރުގެ އިމްރާން ޚާންގެ ގާނޫނީ ވަކީލު ސަލްމާން ސަފްދަރު ޢާންމުކުރި ސިޓީއެއްގައި ޚާން ވިދާޅުވެފައިވަނީ، ޖަލުގައި ހުންނަވަން ޖެހިފައިވާ ދަތި ހާލަތުގެ ސަބަބުން ސިއްހީ ހާލު ގޮސްފައިވަނީ "ދިރިހުރެ އެނބުރި ނާދެވިދާނެ ފަދަ" ހާލަތަކަށް ކަމަށެވެ.

ޑޮކްޓަރުންނާ ހަވާލާދީ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ޚާންގެ ހިތަށް މިހާރުވެސް ގެއްލުންތަކެއް ލިބިފައިވާއިރު، ސިކުނޑިއަށް ލޭއެޅުމާއި ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ ބޮޑެވެ. އަދި އެމަނިކުފާނުގެ ކަނާތު ލޮލުގެ ފެނުން ބޮޑުތަނުން ގެއްލިފައިވާ ކަމަށް އާއިލާއިން ބުނާއިރު، ބުޝްރާ ބީބީގެ ލޮލަށް އިތުރު ސާޖަރީއެއް ނުހަދައިފިނަމަ އެކަމަނާގެ ފެނުން އެއްކޮށް ގެއްލިދާނެ ކަމުގެ ބިރުވެސް ޚާން ވަނީ ފާޅުކުރައްވާފައެވެ.

ސިޓީގައި ޚާން ތުހުމަތުކުރައްވާފައިވާ ގޮތުގައި، އެމަނިކުފާނު ދުވާލަކު 22 ގަޑިއިރު ބަހައްޓަނީ އެކަހެރިކޮށް، އާއިލާއާ ބައްދަލުކުރުމާއި ފޮތް ކިޔުމާއި ޓީވީ ބެލުމުން މަހްރޫމްކޮށްގެންނެވެ. އަދި ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ވަކީލުންނާ ބައްދަލުކުރެވުނީ 4 ފަހަރު ކަމަށާއި، މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެއެވެ.

ނަމަވެސް، މި ވާހަކަތައް ޕާކިސްތާނުގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. ޕާލަމެންޓަރީ އެފެއާޒް މިނިސްޓަރު ތާރިގް ފަޒަލް ޗައުދަރީ ވިދާޅުވީ، ޚާނަކީ މިވަގުތު ޕާކިސްތާނުގެ ޖަލުތަކުގައި އެންމެ ގިނަ ލުއިފަސޭހަތައް ލިބޭ ގައިދީ ކަމަށާއި، ބޭނުންފުޅުވާ ކާނާ ވެސް ހަމަޖައްސައިދޭ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ޑޮކްޓަރުން ބައްލަވައި ހާލު ރަނގަޅު ކަމަށް ނިންމާފައިވާ ކަމަށާއި، ލޮލަށް އިންޖެކްޝަނެއް ޖެހުމަށް ސަރުކާރުގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

100 އަށްވުރެ ގިނަ ދައުވާ އުފުލައި، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޚާން ހުންނެވީ ޖަލުގައެވެ. 2018 އިން 2022 އަށް ބޮޑުވަޒީރުކަން ކުރެއްވި ޚާން ދޫކޮށްލުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން ބޮޑެތި މުޒާހަރާތައް ކުރަމުން ގެންދާއިރު، ޚާނަށް އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް ކުރީގެ ކްރިކެޓް ކެޕްޓަނުންތަކެއް ވެސް ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ގޮވާލާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް