ޕެރަގުއޭގެ ބޮޑު ބޭންކެއް ކަމަށްވާ އުއެނޯ ބޭންކު ހުއްޓުމަކަށް އައިސް، ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައިއާ ގާތް އަދަދަކަށް މީހުން ހާލުގައި ޖެހުމާ ގުޅިގެން، އެ ޤައުމުގެ ރައީސް ސަންތިއާގޯ ޕެންޔާ މަގާމުން ވަކިކޮށް، ނައިބު ރައީސް ޕެދްރޯ އަލިޔާނާ ވެރިކަމާ ހަވާލުވެވަޑައިގެންފިއެވެ.
ޕެންޔާ ވަނީ އިސްތިއުފާ ދެއްވުމަށް ސިޓީއެއް ފޮނުއްވާފައެވެ. ނަމަވެސް ސެނެޓުގެ މެންބަރުން އިއްތިފާގުން ވޯޓުދީ ނިންމީ، އިސްތިއުފާ ބަލައިގަތުމުގެ ބަދަލުގައި އޭނާ މަގާމުން ވަކިކުރުމަށެވެ.
މަގާމުން ވަކިކުރުމަށްފަހު ފުލުހުން ވަނީ ޕެންޔާ ބަންދުކޮށްފައެވެ. އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި އަމިއްލަ މަސްލަހަތު އިސްކުރުމާއި، ޕެންޝަން ފަންޑުތަކުގެ ފައިސާ ނުބައި ގޮތުގައި ބޭނުންކުރުން ހިމެނެއެވެ.
ބޭންކު ހުއްޓުމުގެ ސަބަބުން ގާތްގަނޑަކަށް ތިން މިލިއަން މީހުންގެ ފައިސާގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކާއި ޕެންޝަން ފަންޑުތަކުގެ ފައިސާ ވަނީ ނުނެގި ތާށިވެފައެވެ.
ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އަލިޔާނާ ވިދާޅުވީ، މި މާލީ ލޮޅުމުގެ ސަބަބުން ގެއްލުން ލިބުނު ރައްޔިތުންނަށް ބަދަލު ހަމަޖައްސައިދެވޭނެ ކަމަށެވެ. އަލިޔާނާ ވަނީ 2028 ވަނަ އަހަރާ ހަމައަށް ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތު ފުރިހަމަކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.





