ސައުދީ އަރަބިއްޔާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދަހްރާންގައި ހުންނަ އެ ގައުމުގެ ގައުމީ ތެޔޮ ކުންފުނި، އަރަމްކޯގެ އިދާރީ އިމާރާތަކަށް ޔަމަންގެ ހޫޘީން ހަމަލާދީފިއެވެ.
ސައުދީގެ އެނަރޖީ މިނިސްޓްރީން ހާމަކުރި ގޮތުގައި އަންގާރަ ދުވަހު ދިން މި ހަމަލާގެ ސަބަބުން އިމާރާތުގައި ރޯވި އަލިފާންގަނޑު ވަނީ ކޮޓްރޯލްކޮށްފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެ ނުވަތަ މަރުވެފައި ނުވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިއީ ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކާއި އެއާޕޯޓުތަކުން އާންމުންނާއި މުވައްޒަފުން ނުކުތުމަށް ހޫޘީން އިންޒާރު ދިނުމަށްފަހު ދިން ހަމަލާއެކެވެ.
މި ހަމަލާގެ ކުރިން، ސައުދީ އިސްވެއޮންނަ އަސްކަރީ އިއްތިހާދުން ވަނީ ހޫޘީންގެ ކަންޓްރޯލްގެ ދަށުގައިވާ ޔަމަންގެ ވެރިރަށް ސަނާއާގައި ހުންނަ "އަލް-ޞަބާޙް" ތެޔޮ މަރުކަޒުން އާންމުން ހުސްކުރުމަށް އެންގުމަށްފަހު، އެ ތަނަށާއި ހުދައިދާ އަދި ރައުސް އީސާ ބަނދަރުގައިވާ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ސައުދީން ބުނާ ގޮތުގައި ހޫޘީން ދަނީ އެ ތަންތަން އަސްކަރީ މަރުކަޒުތަކެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. މީގެއިތުރުން، ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ މިސައިލެއް ސައުދީ ދިފާއީ ބާރުތަކުން ވައްޓާލާފައިވާއިރު، އޭގެ އެތިކޮޅުތައް ވެއްޓި 4 މީހަކު ޒަޚަމްވެ 15 ގެއަކަށް ވަނީ ގެއްލުންވެފައެވެ.
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ރިޔާސަތުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި، ހޫޘީންގެ މި ހަމަލާތަކަށް ހައްގު އަދަބު ދޭނެ ކަމުގެ އިންޒާރު ދީފައިވާއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މި މައްސަލައިގެ ތެރެއަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އަލް-އުރުދުޣާން ވެއްދުމާމެދު ވިސްނަވަމުންދާ ކަމަށް ވިދާޅުވެފައެވެ. ޔަމަންގެ ތާއިޒް އަދި އެހެނިހެން ސަރަހައްދުތަކުގައި ހަނގުރާމަ ވަރުގަދަވެފައިވާއިރު، އޯގަސްޓް މަހުން ފެށިގެން މިހާތަނަށް 46 އާންމުން މަރުވެ، 200,000 އަށްވުރެ ގިނަ މީހުން ގެދޮރުގެއްލިފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.




