އައްޑޫ މީދޫ މިސްކިތުގެ ފިނިޝިން މަސައްކަތް ކުރިއަށްދަނީ

އައްޑޫ ސިޓީ މީދޫގައި ސަރުކާރުން ކުރިއަށް ގެންދާ، 700 މީހުންގެ ޖާގައިގެ އައު މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ އެ ތަނުގެ ފިނިޝިންގެ މަސައްކަތްތައް ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން ސޯޝަލް މީޑީއާ ޕްލެޓްފޯމް "އެކްސް" ގައި ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، ޒަމާނީ ފެންވަރަކަށް ތަރައްގީކުރާ މި މިސްކިތަކީ މީދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ގެނެސްދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢެކެވެ.

ޖުމްލަ 13.9 މިލިއަން ރުފިޔާގެ ޚަރަދަކަށް ހިންގާ މި މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓްއާއެވެ. މިއީ ސަރުކާރުގެ ޕީއެސްއައިޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) ބަޖެޓުން ފައިނޭންސްކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މިސްކިތް އިމާރާތްކޮށް ނިމިގެންދާއިރު، އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ޤާއިމުކުރެވިގެންދާނެ ކަމަށާއި، މީގެ ސަބަބުން އެ އަވަށުގެ ރައްޔިތުންނަށް ދީނީ ކަންކަން އަދާކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް