އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ

އެމެރިކާއާއެކު އަލުން ހަނގުރާމައެއް ފެށުނު ނަމަވެސް، އަދި އެ ހަނގުރާމަ "ޤިޔާމަތުގެ ހަނގުރާމައަކަށް" ބަދަލުވެގެން ދިޔަ ނަމަވެސް އީރާނުން އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރަށް ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު އަައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.

އެންބީސީ ނިއުސްގެ "މީޓް ދަ ޕްރެސް" ޕްރޯގްރާމަށް ދެއްވި އިންޓަވިއުއެއްގައި އަރާގްޗީ ވިދާޅުވީ، އީރާނުން އަބަދުވެސް އިސްކަންދެނީ ސުލްހަވެރި ޑިޕްލޮމެޓިކް ވާހަކަތަކަށް ކަމަށާއި، ނަމަވެސް އެމެރިކާއިން އިސްވެ ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދައަށް ރައްދު ދިނުމުގެ ގާބިލުކަން އީރާނުގައި އެބަހުރި ކަމަށެވެ.

އަރާގްޗީ މިހެން ވިދާޅުވެފައިވަނީ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި 7 ދުވަހުގެ ޕްލޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުނުކުރައްވާނެ ކަމަށް އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. އީރާނުން ހުށަހެޅި ހުށަހެޅުމުގައި ހުރުމުޒު ކަނޑުއޮޅި ހުޅުވާލުމުގެ ބަދަލެއްގެ ގޮތުން، އެމެރިކާއިން ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމަށާއި، ތެޔޮ ވިއްކުމުގެ ފުރުސަތު ދިނުމަށް ވަނީ އެދިފައެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ހަނގުރާމަ ކުރިއަށްގެންދިއުމާއި ޑިޕްލޮމެޓިކް މަގު އިޚްތިޔާރުކުރުމުގެ ފުރުސަތު އޮތީ ރައީސް ޓްރަމްޕްގެ އަރިހުގައި ކަމަށެވެ. އަދި އީރާނުން މަސައްކަތް ކުރަނީ ސުލްހައިގެ އެއްވެސް ފުރުސަތެއް ގެއްލުވާނުލުމަށް ކަމަށްވީ ނަމަވެސް، ޤައުމީ މަޞްލަޙަތާއި ސިޔާދަތު ދިފާއުކުރުމުގައި ފަސްޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް