އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އީރާނާއެކު ކުރެވެމުންދާ ހަނގުރާމަ ހުއްޓާލައި، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހެޅި ހަތް ދުވަހުގެ ރޯޑްމެޕް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުނުކުރައްވައި ރައްދުކުރައްވައިފިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނުގެ ހުށަހެޅުން ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އަދި އިގްތިސާދީ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

ނިއުޔޯކްގައި ބޭއްވި އދގެ އާންމު މަޖިލީހުގެ ހަވާސާގައި ގަތަރު މެދުވެރިކޮށް އީރާނުން ހުށަހެޅި މި ރޯޑްމެޕްގައިވަނީ ހަތް ދުވަހުގެ ތެރޭގައި ސަރަހައްދީ ހަމަނުޖެހުންތައް ހުއްޓާލައި، ހޯރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން އަލުން ހުޅުވާލުމަށެވެ. އެހެންނަމަވެސް އެކަން ކުރުމަށް އީރާނުން ޝަރުތުކޮށްފައިވަނީ އެމެރިކާއިން ކުރިއަށްގެންދާ ނޭވަލް ބްލޮކޭޑް އުވާލުމަށާއި، ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމުގެ އިތުރުން ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށެވެ.

އެމެރިކާގެ މަސްއޫލުވެރިން ކުރިން މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށް ވިދާޅުވިނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއިން ކުރާ ޝަރުތުތަކަށް އީރާނުން އަމަލުކުރާނެކަމާމެދު ޓްރަމްޕް ވަނީ ޝައްކުއުފައްދަވާފައެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާއިން ދަނީ އިތުރު އަސްކަރީ ހަމަލާތަކަކަށް ތައްޔާރުވަމުންނެވެ. މީގެ ސަބަބުން ސުލްހައިގެ މަޝްވަރާތައް މަޑުޖެހި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް