އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބަގްދާދާއި މަސްކަޓަށް ކުރާ ދަތުރުތައް އީރާނުން ހުއްޓާލައިފި

އެމެރިކާއިން އީރާނުގެ ވައިގެ ދަތުރުފަތުރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާ ގުޅިގެން، އީރާނުން އިރާގުގެ ވެރިރަށް ބަގްދާދަށާއި އޮމާންގެ ވެރިރަށް މަސްކަޓަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލައިފިއެވެ.

އީރާނުގެ ސިވިލް އޭވިއޭޝަން އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، އެމެރިކާގެ އާ ފިޔަވަޅުތަކަށް އަމަލުކުރަން ފެށުމާއެކު ބަގްދާދާއި މަސްކަޓުގެ އެއާޕޯޓުތަކުން އީރާނުގެ އެއާލައިންތަކަށް ހިދުމަތް ދިނުން ވަނީ ހުއްޓާލާފައެވެ.

އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވެފައިވަނީ، އީރާނުގެ އެއާލައިންތަކަށް ތެޔޮ އަޅައިދިނުމާއި، އެއާޕޯޓު ހިދުމަތްތައް ދިނުމާއި، ޓިކެޓު ވިއްކާ ބޭރުގެ ކުންފުނިތަކާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އެ ކުންފުނިތައް އެމެރިކާ ޑޮލަރުގެ މާލީ ނިޒާމުން ބޭރުކޮށްލާނެ ކަމަށެވެ. މި އިންޒާރާއެކު ބައެއް ގައުމުތަކުން އީރާނުގެ ފްލައިޓުތަކަށް ދެމުންދިޔަ ހިދުމަތްތައް ހުއްޓާލަން ފަށާފައިވާއިރު، އީރާނުން ދަނީ ބަގްދާދުގެ ބަދަލުގައި އިރާގުގެ ނަޖަފަށް ދަތުރުތައް ބަދަލުކުރުމަށް މަޝްވަރާކުރަމުންނެވެ.

އެމެރިކާގެ މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ގައުމީ އެއާލައިން އީރާން އެއާ އަދި މާހަން އެއާގެ ބައިނަލްއަގުވާމީ ދަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް، އިސްތަންބޫލް ފަދަ ބައެއް އެހެން މަންޒިލްތަކަށް ކުރާ ދަތުރުތައް އަދިވެސް ކުރިއަށްދާ ކަމަށް އީރާނުން ބުނެއެވެ. މި ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ ރައްޔިތުންނަށް ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި އިތުރު ދަތިތަކާ ކުރިމަތިލާންޖެހިފައިވާއިރު، ޗައިނާއިން ވަނީ އެމެރިކާގެ މި އެއްފަރާތްފަރާތީ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް އަޑުއުފުލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް