އަލްޖީރިއާގެ ރައީސް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން އަލްޖީރިއާ ސަރުކާރުން ނިންމައި އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. އަލްޖީރިއާގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅަން މަޖުބޫރުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހިފެހެއްޓުމަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އަލްޖީރިއާގެ ސަރުކާރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޫއޭއީން ގެންގުޅެމުންދާ ދެކޮޅުވެރި އަދި ހަމަނުޖެހުމަށް މަގުފަހިވާ ސިޔާސަތުތަކާ ގުޅޭގޮތުން ތަކުރާރުކޮށް އިންޒާރު ދެވިފައިވާ ކަމަށް އެ ޤައުމުގެ ޚާރިޖިއްޔާއިން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަންޖެހޭ އިހުތިރާމާއި މިނިވަންކަމުގެ އިންތަކުން ޔޫއޭއީގެ އަމަލުތައް ބޭރުވެފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ނިންމުމާ ގުޅިގެން އަލްޖީރިއާގައި ހުންނަވާ ޔޫއޭއީގެ ސަފީރު ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް، ގުޅުން ކަނޑާލިކަމުގެ ރަސްމީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އަދި ސަފީރާއި އެމްބަސީގެ އިސް މުވައްޒަފުންނަށް ޤައުމު ދޫކޮށް ދިއުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައިވާ ކަމަށްވެސް އެ ޤައުމުގެ މީޑިއާތަކުން ބަޔާންކުރެއެވެ.

ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ނުތަނަވަސްކަން ބޮޑުވެފައިވާތާ ދުވަސްތަކެއް ވެފައިވާއިރު، މިއީ އަރަބި ދުނިޔޭގައި ފަހަކަށް އައިސް ފެންމަތިވި އެންމެ ބޮޑު އެއް ޚާރިޖީ މައްސަލައެވެ. މި ނިންމުމާ ގުޅިގެން ޔޫއޭއީގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އަލްޖީރިއާގެ މި ނިންމުމަކީ ވަގުތީ ނިންމުމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އަޚުވަންތަކަމުގެ ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް