2023 އޮކްޓޯބަރު 7 ގައި ހަމާސް ޖަމާއަތުން ދިން ވަރުގަދަ ހަމަލާގެ ކުރިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެކަމުގެ އިންޒާރު ދިން ކަމަށް ބުނެ ރިޕޯޓުކުރި މައްސަލައިގައި އިސްރާއީލުގެ ހާރެޓްޒް ނޫހާ ދެކޮޅަށް އަގުވައްޓާލުމުގެ ދައުވާ ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމަވައިފިއެވެ.
ހާރެޓްޒް ނޫހުން ޝާއިއުކުރި ރިޕޯޓުގައި ބުނެފައިވަނީ، ހަމަލާ ދިނުމުގެ ދުވަސްކޮޅެއް ކުރިން ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒާއިދު އާލް ނަހްޔާން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ހަމާސްއިން ބޮޑު އޮޕަރޭޝަނެއް ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ދެއްވި ކަމަށެވެ. އެހެންނަމަވެސް، އެ އިންޒާރަށް ނަތަންޔާހޫ އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށް އެ ނޫހުގައި ތުހުމަތުކޮށްފައިވެއެވެ.
މި ތުހުމަތުތައް ދޮގުކުރައްވަމުން ބޮޑުވަޒީރުގެ އޮފީހުން ފާހަގަކުރެއްވި ގޮތުގައި، އެއީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ. އަދި 2023 ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން އޮކްޓޯބަރު 7 އާ ހަމައަށް ޔޫއޭއީގެ ރައީސާ އެކު އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާ ކަމަށާއި، ރަސްމީ އެއްވެސް ރެކޯޑަކުން އެފަދަ ފޯނު ކޯލެއް ދައްކުވައިދީފައި ނުވާ ކަމަށް ވަނީ ހާމަކޮށްފައެވެ.
ހާރެޓްޒް ނޫހުގެ އިތުރުން އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާއާ ދެކޮޅަށް ވެސް ގާނޫނީ ފިޔަވަޅު އެޅުމަށް ވަކީލުންނަށް އަންގަވާފައިވާ ކަމަށް ނަތަންޔާހޫ ވަނީ ހާމަކުރައްވާފައެވެ. ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް މި މައްސަލަ ފެންމަތިވުމާ ގުޅިގެން، އިސްރާއީލުގެ ސިޔާސީ މަސްރަހުގައި އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.





