އިރާން އިން ހަމަލާ ދިން އެމެރިކާއާއި ގުޅުން ހުރި އުޅަނދެއް

އެމެރިކާއިން އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެމެރިކާއާ ގުޅުން އޮތް ތިން އުޅަނދަކާއި ހުއްދަނެތި ދަތުރުކުރި ތިން ތެޔޮ ޓޭންކަރަކަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހަމަލާދީފިއެވެ. މި ހަމަލާތައް ދީފައިވަނީ ހޮރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުންނެވެ.

އައިއާރްޖީސީން އާންމުކުރި ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ކަނޑުގެ ސިފައިންގެ ބާރުތަކުން އަމާޒުކުރީ ހޮރްމުޒް ކަނޑުއޮޅީގެ ހުއްދަނޫން މަގުތަކުން ދަތުރުކުރި ތިން ތެޔޮ ޓޭންކަރަކަށާއި، އެމެރިކާއާ ގުޅުންހުރި އެހެން ތިން އުޅަނދަކަށެވެ. މީގެ އިތުރުން، އީރާނުން ކަނޑައަޅާފައިވާ ހުއްދަ ނެތް ސަރަހައްދުތަކުން ދަތުރު ނުކުރުމަށް އެހެން އުޅަނދުފަހަރަށްވެސް އެ ގައުމުން ވަނީ އިންޒާރުދީފައެވެ.

މި ހަމަލާތައް ދީފައި މިވަނީ އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދޭން އުޅުނު ކަމަށް ބުނެ، އީރާނުގެ ތެޔޮ އުފުލާ ތިން ޓޭންކަރަކަށް އެމެރިކާ އަސްކަރިއްޔާއިން ހަމަލާދީ ހަލާކުކޮށްލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އެމެރިކާގެ ހަމަލާތައް އަމާޒުވެފައިވަނީ އީރާނުގެ މައި ތެޔޮ ބަނދަރު ކަމަށްވާ ޚާރްގް އައިލެންޑް ކައިރިއަށާއި، ޖާސްކް އަދި އޮމާން ކަނޑުގެ ސަރަހައްދުގައި އޮތް ޓޭންކަރުތަކަށެވެ.

ހޮރްމުޒް ކަނޑުއޮޅީގައި ދެ ފަރާތުގެ ދެމެދުގައި މި ބަދަލުކުރެވުނު ހަމަލާތަކާ ގުޅިގެން، ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށާއި ކަނޑުދަތުރުފަތުރަށް ވަނީ ބޮޑެތި ނުތަނަވަސްކަން އުފެދިފައެވެ. އަދި ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވަމުންދާކަން މީޑިއާ ރިޕޯޓްތަކުން ދައްކައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް