އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމުން، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާގެ މިލްކުވެރި ސަރަހައްދެއްގެ ގޮތުގައި ވަރަށް އަވަހަށް ކަނޑައަޅުއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނިއު ޔޯކްގެ ޕޮލިސް އެކަޑަމީއެއްގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިރާން ބަލިކޮށް ނިމުމާއެކު އެ ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި އިއުލާން ކުރައްވާނެ ކަމަށެވެ. މި ހަނގުރާމައިގައި އިރާން ވަރަށް ބޮޑަށް ބަލިވަމުންދާ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
އެމެރިކާއިން މިހާރުވެސް އެ ސަރަހައްދު ބަންދުކޮށްގެން ބަލަހައްޓަމުންދާ ކަމަށާއި، އެމެރިކާއިން ބޭނުންވާ ބޯޓުތަކެއް މެނުވީ އެ ކަނޑުއޮޅިން ދަތުރު ނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، ޓްރަމްޕްގެ މި ވާހަކަފުޅަކީ ކިހާ ސީރިއަސް ވާހަކަފުޅެއް ކަމެއް އަދި އެއީ އެމެރިކާގެ އާ ސިޔާސަތެއް ކަމެއް ސާފެއް ނުވެއެވެ. އެމެރިކާގެ ރައީސްގެ މި ވާހަކަތަކަށް ރައްދުދެއްވަމުން އިރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒެމް ޣަރީބުއާބާދީ ވިދާޅުވީ، އެމެރިކާގެ ބިރުދެއްކުންތަކަށް އިރާނުން ޖެހިލުން ނުވާނެ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމާއި ބަންދުކުރުމުގެ ބާރު އޮންނާނީ ހަމައެކަނި އިރާނުގެ ބާރުގެ ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ ތެޔޮ އެކްސްޕޯޓްކުރާ މައިގަނޑު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވެސް އޭގެ އަސަރު ކުރަމުންދާ މުހިންމު ސަރަހައްދެކެވެ.


