އެމެރިކާއިން އީރާނުގެ އަމާޒުތަކަށް ދޭން ރާވާފައިވާ އަސްކަރީ ހަމަލާ ފަސްކޮށް ކެންސަލްކުރައްވައި، ދެ ގައުމުގެ މެދުގައި ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ "އިންތައް" ނުވަތަ އަސާސީ އުސޫލުތަކަކަށް އެއްބަސްވެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ބަދަލުގައި، ސިޔާސީ އަދި ދިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ކުރިއަށް އޮތް އެއްބަސްވުމުގެ މައިގަނޑު އުސޫލުތަކަށް ދެފަރާތުންވެސް ތާއީދުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަހަރެމެން ވަނީ އީރާނަށް ދޭން އުޅުނު ހަމަލާ މަޑުޖައްސާލާފައި. ސަބަބަކީ އެއްބަސްވުމަކަށް އާދެވިދާނެ މައިގަނޑު އިންތަކާއި އުސޫލުތަކަށް މިހާރު ވަނީ ވާސިލުވެވިފައި. މިއީ ދުނިޔޭގެ ސުލްހައަށް ލިބުނު ބޮޑު ކުރިއެރުމެއް." ރައީސް ޑޮނަލްޑް ޓްރަމްޕް
މި ނިންމެވުމާއެކު، މެދުއިރުމަތީގައި އުފެދިފައިވާ ބޮޑު ނުތަނަވަސްކަމާއި ހަނގުރާމައިގެ ބިރުވެރިކަމަށް ވަނީ ބޮޑު ލުޔެއް ލިބިގެންގޮސްފައެވެ. ސިޔާސީ މާހިރުން ގަބޫލުކުރާ ގޮތުގައި، ދެ ގައުމުގެ މެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ވާހަކައްދައްކައިގެން ދާއިމީ އެއްބަސްވުމަކަށް އާދެވުމަކީ މުޅި ސަރަހައްދުގެ ސަލާމަތަށް ނުހަނު މުހިންމު ކަމެކެވެ.



