ޖަޕާނުގެ ދެކުނުގުޅީގެ ކިއުޝޫ ސަރަހައްދުގެ ކުމާމޯޓޯ މުގާޓާ (ޕްރިފެކްޗާ) އަށް އައި މެގްނިޓިއުޑް 7.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ސަރަހައްދުގެ ބޮޑު ޝޮޕިން މޯލެއްގައި ވަރުގަދަ ގޮވުމެއް ހިނގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު އިމާރާތުގެ ދަށުގައި ތާށިވެއްޖެއެވެ.
އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، މި ގޮވުން ހިނގާފައިވަނީ ކުމާމޯޓޯގެ ކަޝީމާ ޓައުންގައި ހުންނަ "އިއޯން މޯލް"ގައެވެ. ބިންހެލުމަށްފަހު މޯލްގެ އެތެރޭގައި ހިނގި މި ގޮވުމާއެކު އިމާރާތުގެ ދެވަނަ ބުރީގެ ބައެއް ވެއްޓި، އެ ވަގުތު މޯލްގައި ތިބި ގިނަ އަދަދެއްގެ އާންމުންނާއި މުވައްޒަފުން ވަނީ ތާށިވެފައެވެ. ފުލުހުންނާއި ރެސްކިއު ޓީމުތަކުން ބުނާ ގޮތުގައި މި ހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ބެލެވެއެވެ.
"އަޅުގަނޑުމެންނަށް ވަނީ އެކި ސަރަހައްދުތަކުން މީހުންނަށް އަނިޔާވެ، އިމާރާތްތަކާއި މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި. އެންމެންވެސް ރައްކާތެރި ތަންތަނަށް ބަދަލުވެ، އަމިއްލަ ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކުރަން." ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކާއިޗީ
މި ބިންހެލުމުގެ ބާރުމިން ހުރީ ޖަޕާނުގެ ސައިސްމިކް މިންގަނޑުން އެންމެ މަތީ ދަރަޖަ ކަމަށްވާ "ޝިންޑޯ 7" ގައެވެ. ބިންހެލުމާއެކު އުފެދުނު ސުނާމީގެ އިންޒާރު ފަހުން ވަނީ އުވާލާފައެވެ. ނަމަވެސް، މަގުތަކުގައި ބޮޑެތި ރިަނގަތައް އުފެދި، ކަރަންޓުގެ ހިދުމަތް މެދުކެނޑި، އަދި އެކި ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މީގެ އިތުރުން 50 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކާއިޗީ ވަނީ ހާލަތު ބައްލަވައިގަނެ، ސަލާމަތީ އަދި ސޭވިންގް އޮޕަރޭޝަންތަކަށް އެ ގައުމުގެ ސެލްފް-ޑިފެންސް ފޯސްގެ 3,600 ސިފައިން ނެރުއްވާފައެވެ. އަދި ނުރައްކާތެރި ސަރަހައްދުތަކުގައި ދިރިއުޅޭ 300,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ތަންތަނަށް ބަދަލުވުމަށް ސަރުކާރުން ވަނީ އަންގާފައެވެ.




