އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅިގެން، ބުދަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.
މި ބަދަލާއެކު ބްރެންޓް ކުރޫޑްގެ އަގު %1.12 ދަށަށް ގޮސް، ފީފާއެއްގެ އަގު 78.66 ޑޮލަރަށް ތިރިވެފައިވާއިރު، ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު %1.28 ދަށަށް ގޮސް ފީފާއެއްގެ އަގު ވަނީ 75.81 ޑޮލަރަށް ތިރިވެފައެވެ. އިގްތިސާދީ މާހިރުން ބުނާގޮތުގައި ތެލުގެ އަގު މިހާ ބޮޑަށް ދަށަށް ދިޔައީ، މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ސިޔާސީ ނުތަނަވަސްކަން ކުޑަވެގެންދާނެ ކަމަށް ބެލެވޭތީއެވެ.
14 ނުކުތާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގެ ދަށުން، އެމެރިކާއިން އީރާނާ ދެކޮޅަށް ކަނޑުގެ މަގުން އަޅާފައިވާ ހުރަސްތައް މަރުހަލާތަކަކަށް ބަހާލައިގެން އުވާލުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް %20 އުފުލާ މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އީރާނުން ވަނީ އެއްބަސްވެފައެވެ. ހަމައެއާއެކު، އީރާނުގެ ތެޔޮ ބޭރުކުރުމުގެ ހުއްދަ ދިނުމަށް ވެސް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ.
ތެލުގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި ކުރިއެރުމަށް މަރުހަބާ ކިޔާފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެޔޮ ލިބޭ މިންވަރު އިތުރުވެ، މީގެ ކުރިން ތެލުގެ އަގު އުފުލެން މެދުވެރިވި ބިރުވެރިކަން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.
މާހިރަކު ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަވުމުގެ ހެޔޮ އަސަރު މިހާރު ބާޒާރުން ފެންނަން ފަށައިފިއެވެ. ތެލުގެ އަގަށް އަންނަ ބަދަލުތައް ދެން ބިނާވާނީ މި އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރެވޭ މިންވަރާއި، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އެކުލަވާލާ ދާއިމީ އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށްދާ ގޮތެއްގެ މައްޗަށެވެ.



