އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ހައި ލެވެލްގެ ހަފުތާގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން، ކޮންމެ ޤައުމަކަށްވެސް އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު ލިބިގެންވާކަން ފާހަގަކުރައްވައި، އިންސާފުވެރި ވެރިކަމުގެ ނިޒާމަކަށާއި ކުދި ޖަޒީރާ ޤައުމުތަކުގެ ސިޔާދަތު ދެމެހެއްޓުމަށް ރާއްޖޭން ކުރާ މަސައްކަތްތައް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް އަލިއަޅުއްވާލައްވައި، 1967 ގެ ކުރީގެ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ނައިބު ރައީސް ވަނީ ވަކާލާތުކުރައްވާފައެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ އަވަހަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރެއްވުމުގެ ގޮތުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން އާއެކު ނައިބު ރައީސް ވަނީ މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އަދި ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައިވެސް އެމަނިކުފާނު ވަނީ ތަޤުރީރު ކުރައްވާފައެވެ.





