އީލޮން މަސްކްގެ ރޮކެޓް އުފައްދާ ކުންފުނި، ސްޕޭސް އެކްސް ހިއްސާގެ ބާޒާރަށް ނެރުނު ތާރީޚީ ދަނޑިވަޅުގައި އެ ކުންފުނީގެ ހިއްސާގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، އޭނާއަކީ ދުނިޔޭގެ ފުރަތަމަ "ޓްރިލިއަނަރ" ގެ ލަގަބު ހޯދި ފަރާތް ކަމުގައި މިދިޔަ ހުކުރު ދުވަހު ވެއްޖެއެވެ.
ޓެސްލާ އާއި ސްޕޭސް އެކްސްގެ ބާނީ، އީލޮން މަސްކް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު މިހާރު ކަށަވަރުކޮށްފައިވާއިރު، ބްލޫމްބާގް ރިޗް ލިސްޓުން ދައްކާ ގޮތުގައި އޭނާގެ މިލްކިއްޔާތުގެ ޖުމްލަ އަގު މިހާރު ވަނީ 1.11 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.
މި ކުރިއެރުން އައިސްފައިވަނީ ރޮކެޓް އުފެއްދުމާއި، މުވާސަލާތީ ޚިދުމަތްތަކާއި އަދި އާޓިފިޝަލް އިންޓެލިޖެންސްގެ މަސައްކަތްކުރާ އެ ކުންފުނި، 2.2 ޓްރިލިއަން ޑޮލަރުގެ އަގަކާއެކު ނަސްޑާކް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކުރުމާ ގުޅިގެންނެވެ.
ކުންފުނިން ހާމަކުރި ގޮތުގައި ހިއްސާއެއްގެ އަގު ފުރަތަމަ ކަނޑައެޅީ 135 ޑޮލަރަށެވެ. ނަމަވެސް، ވިޔަފާރި ފެށުނުއިރު އަގު ހުރީ 150 ޑޮލަރުގައެވެ. އަދި ފަހުން 176.50 ޑޮލަރަށް އަގު އުފުލިގެން ދިޔައެވެ. މިއީ ފަޒާއާ ގުޅުންހުރި މަސައްކަތްތަކަށާއި މަސްކްގެ ކުންފުނިތަކަށް އިންވެސްޓަރުންގެ މެދުގައި އޮތް ބޮޑު ތަރުހީބާއި އިތުބާރު ހާމަވެގެންދިޔަ ކަމެކެވެ. ހުކުރު ދުވަހުގެ ބާޒާރު ބަންދުވިއިރު ސްޕޭސް އެކްސްގެ ހިއްސާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 161 ޑޮލަރުގައެވެ.
ސްޕޭސް އެކްސް ހިއްސާގެ ބާޒާރަށް ނެރުމުގެ ކުރިން، އިންވެސްޓަރުންނާއި އަންޑަވްރައިޓަރުންގެ އަތުން 75 ބިލިއަން ޑޮލަރު ވަނީ ހޯދާފައެވެ. ސްޕޭސް އެކްސްގެ 42 އިންސައްތަ ހިއްސާ އޮންނަނީ މަސްކްގެ އަތުގައެވެ. މިއީ އެ ކުންފުނީގެ ހުރިހާ ނިންމުންތަކެއް އަމިއްލައަށް ނިންމުމުގެ ފުރިހަމަ ބާރު އޭނާއަށް ލިބިދޭ ކަމެކެވެ. އެގޮތުން ކުންފުންޏަށް އިންވެސްޓްކުރެވޭ ފައިސާ އޭނާ ބޭނުންވާ ގޮތަކަށް ޚަރަދުކުރުމުގެ އިޚުތިޔާރު އޮވެއެވެ.
ބްލޫމްބާގްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބާޒާރު ބަންދުވިއިރު ސްޕޭސް އެކްސްގައި އޮތް އޭނާގެ ހިއްސާގެ އަގަކީ 767.1 ބިލިއަން ޑޮލަރެވެ. މީގެ އިތުރުން ސްޕޭސް އެކްސްގެ އޮޕްޝަންތަކުގެ ގޮތުގައި 53.8 ބިލިއަން ޑޮލަރު އޭނާގެ މިލްކިއްޔާތުގައިވެއެވެ. ހަމައެއާއެކު، ޓެސްލާ ކުންފުނީގައި 168 ބިލިއަން ޑޮލަރުގެ ހިއްސާ އާއި، 116.4 ބިލިއަން ޑޮލަރުގެ ޓެސްލާ އޮޕްޝަންތައްވެސް އޭނާގެ މިލްކިއްޔާތުގައި ހިމެނެއެވެ.




