އީރާނާއި އެމެރިކާއާ ދެމެދު އެކުލަވައިލުމަށް މަސައްކަތްކުރަމުންދާ އެއްބަސްވުމަކީ މީގެ ކުރިން ދުވަހަކުވެސް ގާތްނުވާ މިންވަރަށް ގާތްވެފައިވާ އެއްބަސްވުމެއް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފޮރިން މިނިސްޓަރު އަރަގްޗީ ވިދާޅުވީ، "އިސްލާމްއާބާދު އެމްއޯޔޫ" ނިމުމަކަށް އައުމާ މިހާރު އޮތީ މީގެ ކުރިން ދުވަހަކުވެސް ގާތްނުވާ މިންވަރަށް ގާތްވެފައި ކަމަށެވެ. އަދި މަޝްވަރާތައް މުޅިން ނިމި، ރަސްމީ ސިފައެއް ޖެހެންދެން މީޑިއާތަކުން މިކަމާ ގުޅޭގޮތުން އަމިއްލަ ގޮތްގޮތަށް ޚަބަރުތައް ނުފެތުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ފޮރިން މިނިސްޓަރުގެ މި ވާހަކަފުޅުތައް އައިސްފައިވަނީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާއި، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ކުރިމަގާ ގުޅޭ މުހިންމު ކަންތައްތަކުގައި ދެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ އިސް އޮފިޝަލުންވެސް ވަނީ މިކަމުގައި އުއްމީދީ މޭރުމަކުން ވާހަކަދައްކަވާފައެވެ. ރިޕޯޓްތައް ބުނާގޮތުން، ބާކީ ހުރި ކުދިކުދި ހިޔާލު ތަފާތުވުންތައް ހައްލުކުރެވިއްޖެނަމަ، ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.
މިފަދަ އުއްމީދީ އިޝާރާތްތަކެއް ލިބެމުންދިޔަ ނަމަވެސް، އީރާނުގެ ސަރުކާރުން ބުނަމުންދަނީ އަދި ނިހާއީ އެއްބަސްވުމަކަށް ނާދެވޭ ކަމަށާއި، މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ. މުހައްލިލުން ބުނާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަވެ، ވިޔަފާރީގެ މުހިންމު މަގުތައް އަލުން ހުޅުވި، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް މަގުފަހިވެގެންދާނެއެވެ.




