އީރާނާއެކު އެއްބަސްވުމަކަށް އައުމަށް "ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށް ވިދާޅުވެ، ހޯރްމުޒް ކަނޑުއޮޅީގައި އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ބްލޮކޭޑް (ބަންދުކުރުން) މިއަދުން ފެށިގެން އުވާލައިފި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރައްވައިފިއެވެ.
ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ބްލޮކޭޑްގެ ސަބަބުން ދަތުރު ނުކުރެވި ހުރި އުޅަނދުފަހަރަށް މިހާރު ރައްކާތެރިކަމާއެކު އެނބުރި ދެވޭނެ ކަމަށެވެ.
މިއީ މިހާރު އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށާއި، އީރާނުން ނަގާ ފީތަކާއި ހުރަސްތަކާ ނުލައި ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުފަހަރަށް މި މުހިންމު ކަނޑުގެ މަގު ހުޅުވާލުމަށް އެކުލަވާލާ ފަހުމުނާމާގެ ބައެކެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
އެމެރިކާ އާއި އިޒްރޭލާ ދެމެދު އުފެދުނު ހަމަނުޖެހުމާ ގުޅިގެން އީރާނުން ކަނޑުއޮޅި ބަންދުކުރުމުން، އެމެރިކާއިން މި ބްލޮކޭޑް އެޅީ މިއަހަރުގެ އެޕްރީލް މަހުގައެވެ.
މީގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ބޮޑެތި ބުރޫތަކެއް އެރިއެވެ. މީގެ ކުރިން އުޅަނދުފަހަރުތަކަށް ހިމާޔަތް ދީގެން ނެރުމަށް އެމެރިކާއިން ކުރިއަށްގެންދިޔަ "ޕްރޮޖެކްޓް ފްރީޑަމް" ވެސް މި މަހުގެ ކުރީކޮޅު ވަނީ މެދުކަނޑާލާފައެވެ.
މަޝްވަރާތައް އަދިވެސް ކުރިއަށްދާއިރު، ދެ ފަރާތުގެ ދެމެދުގައި ހުރި ތަފާތުތައް ކުޑަވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ކަންކަން ކަށަވަރުކުރާނެ ގޮތްތަކާ މެދު އަދިވެސް ބައެއް ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ. މި ޚަބަރާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށްވާން ފަށާފައެވެ.
މި ނިންމުން އައިސްފައިވަނީ އީރާނާއެކު ގުޅިގެން ޓޯލް (ފީ ނަގާ) ނިޒާމެއް ގާއިމުނުކުރުމަށް އޮމާނަށް އެމެރިކާއިން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މި ކަނޑުއޮޅިއަކީ އެންމެނަށް ހުޅުވާލެވިފައިވާ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި އޮންނަންޖެހޭނެ ތަނެއް ކަމަށެވެ.




