ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނުގެ އެންމެ ފަހުގެ ސުލްހައިގެ ހުށަހެޅުން ބޭރުކޮށްލެއްވުމާ ގުޅިގެން، އެމެރިކާއާ ދެމެދު އަލުން ހަނގުރާމައެއް ފެށުމަކީ "އެކަށީގެންވާ ކަމެއް" ކަމަށް އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ހޮނިހިރު ދުވަހު އިންޒާރު ދެއްވައިފިއެވެ.
އީރާނުގެ ޚާތަމް އަލް-އަންބިޔާ މަރުކަޒީ ކޮމާންޑުގެ މުހައްމަދު ޖަޢުފަރު އަސަދީ ވަނީ، އެއްބަސްވުންތަކަށް އެމެރިކާއިން އިހުތިރާމް ނުކުރާ ކަމަށް ތުހުމަތު ކުރައްވައި، "އީރާނާއި އެމެރިކާއާ ދެމެދު އަލުން ކުރިމަތިލުމެއް ހިނގުމަކީ އެކަށީގެންވާ ކަމެއް" ކަމަށް ވިދާޅުވެފައެވެ.
ޕާކިސްތާނުގެ މެދުވެރިން މެދުވެރިކޮށް ހުށަހެޅި އީރާނުގެ އިސްލާހު ކުރެވިފައިވާ ހުށަހެޅުމާ މެދު "ހިތްހަމަޖެހިވަޑައިނުގަންނަވާ" ކަމަށް ހުކުރު ދުވަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ވަކި ހާއްސަ އިއުތިރާޒުތަކެއް ތަފްސީލުކޮށް ނުދެއްވައި އޭނާ ވިދާޅުވީ، "އީރާނުން ބޭނުންވަނީ އެއްބަސްވުމެއް ގާއިމުކުރަން، އެކަމަކު އެމީހުން ހުށަހަޅާ ކަންތައްތަކާ މެދު އަހަރެން ހިތްހަމައެއް ނުޖެހޭ،" ކަމަށެވެ.
މި ހުށަހެޅުމުގައި ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ބެހޭގޮތުން އަލިއަޅުވާލާފައިވީ ނަމަވެސް، ނިއުކްލިއާ މަޝްވަރާތައް ވަނީ ފަސްކޮށްފައެވެ. މިއީ އެމެރިކާއިން ދެކޮޅު ހަދަމުންދާ ޝަރުތެކެވެ. މި ވާހަކަތައް އައިސްފައިވަނީ، ފެބްރުއަރީ މަހު އެމެރިކާ، އިސްރާއީލް އަދި އީރާނުގެ މެދުގައި ސީދާ ކުރިމަތިލުންތަކެއް ހިނގުމަށްފަހު، އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ތެރޭގައެވެ. އެ ކުރިމަތިލުންތަކުގައި އެތައް ހާސް ބަޔަކު މަރުވެ، ދުނިޔޭގެ ތެޔޮ އުފުލުމަށް ހުރަސް އެޅި، ހަކަތައިގެ އަގުތައް މުޅި ދުނިޔޭގައި ވަނީ އުފުލިފައެވެ.
ނުސީދާކޮށް މެދުވެރިން ކުރަމުންދާ މަސައްކަތްތަކާ އެކުވެސް، މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އީރާނުގެ އޮފިޝަލުން އެމެރިކާއަށް ތުހުމަތު ކުރަނީ އިހްލާސްތެރިކަމެއް ނެތް ކަމަށެވެ. އަދި ޓްރަމްޕްގެ ސަރުކާރުން ބާރުއަޅަނީ، ވަކިން ހާއްސަކޮށް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ހަރުކަށިކޮށް އިލްތިޒާމްކޮށް ކުރިއަށް ދިއުމަށެވެ. ވަގުތުން އަސްކަރީ އެއްވެސް ފިޔަވަޅެއް އެޅިކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، މި ހަރުކަށި ބަަސްމަގުގެ ސަބަބުން ސަރަހައްދުގައި އަލުން ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.




