އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފޮރިން މިނިސްޓަރު އަރާގްޗީއާއެކު ޕާކިސްތާނުގެ އިސް އޮފިޝަލުންނާ ރަސްމީ މަޝްވަރާތައް ކުރެއްވުމަށް ޕާކިސްތާނަށް ވަޑައިގެންފައިވާ ކަމަށެވެ.
"އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ރޭވިފައެއް ނެތް. އީރާނުގެ ޑިމާންޑުތައް ޕާކިސްތާނަށް ހިއްސާކުރެވޭނެ،" ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު، އެމެރިކާއާއި އިސްރާއީލުގެ ވަނީ އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށާފައެވެ. މި ހަނގުރާމައިގައި އޭރުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އަސްކަރީ އިސް ބައެއް އޮފިޝަލުން ވަނީ ޝަހީދުވެފައެވެ.
އީރާނުގެ ސިފައިން ވަނީ މީގެ ރައްދުގައި، އިޒްރޭލަށާއި ޕާޞިއަން ކަނޑުއޮޅީގެ ސަރަހައްދުގައި ހުރި އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަފްތާތަކެއް ވަންދެން މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ. 40 ދުވަހުގެ ތެރޭގައި ދިން 100 އަށްވުރެ ގިނަ ހަމަލާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ޕާކިސްތާނު މެދުވެރިވެގެން ދެ ހަފްތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އޭޕްރިލް 8 ވަނަ ދުވަހު އާދެވުނެވެ. މިއީ އިސްލާމްއާބާދުގައި މަޝްވަރާތަކަށް މަގުފަހިވެގެންދިޔަ ކަމެކެވެ. އެ މަޝްވަރާތަކުގައި އީރާނުން ވަނީ އެމެރިކާގެ ސިފައިން ބޭރުކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނޭ ގޮތަށް 10 ނުކުތާގެ ހުށަހެޅުމެއް ހުށަހަޅާފައެވެ.
ނަމަވެސް، އޭޕްރިލް 11 އަދި 12 ވަނަ ދުވަހު 21 ގަޑިއިރަށް ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު، ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވުނެވެ. އީރާނުގެ މަންދޫބުން ފާހަގަކުރެއްވި ގޮތުގައި މީގެ ސަބަބަކީ އެމެރިކާއިން އެމީހުންގެ އިލްތިޒާމްތަކަށް އިހުތިރާމްކުރާނެ ކަމާމެދު އިތުބާރެއް ނެތުމެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތަކަށް އެނބުރި ދިއުން ބިނާވެފައިވަނީ އެމެރިކާގެ ކަނޑުގެ ބްލޮކޭޑް (ހިސޯރުކުރުން) އުވާލުމުގެ މައްޗަށް ކަމަށް އީރާނުން ވަނީ ބުނެފައެވެ. އޮފިޝަލުން ވަކާލާތު ކުރާ ގޮތުގައި، މި ބްލޮކޭޑް ދެމިއޮތުމަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމެކެވެ.




