އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވަމުންދާ އިގްތިސާދީ ލޮޅުންތަކުގެ ސަބަބުން، މާދަމާ ހަނގުރާމަ ހުއްޓާލި ކަމުގައިވިޔަސް، ކުރިއަށް އޮތް މަސްތަކުގައި މެދުއިރުމައްޗާއި އޭޝިއާގެ ބައެއް ސަރަހައްދުތަކުން 30 މިލިއަނަށްވުރެ ގިނަ މީހުން ފަގީރުކަމުގެ ތެރެއަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށް އދ. އިން ބުރާސްފަތި ދުވަހު އިންޒާރު ދީފިއެވެ.
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އިން ނެރުނު އެންމެ ފަހުގެ ހޯދުންތަކުން ވަނީ، މި ހަނގުރާމައިގެ ސަބަބުން އިންސާނީ އެހީތެރިކަމަށާއި އިގްތިސާދަށް ކުރާނެ ދިގުމުއްދަތުގެ ނޭދެވޭ އަސަރުތަކުގެ ބިރުވެރި މަންޒަރެއް ވަނީ ދައްކާފައެެވެ.
ތެލުގެ އަގު އިންތިހާއަށް އުފުލުމާއި، ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސް އެޅުމާއި، އަދި ކާބޯތަކެއްޗާއި، ތެލާއި، ޒަރޫރީ ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ތިބި އާބާދީތަކަށް މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މައިގަނޑު ހޯދުންތަކުގެ ތެރޭގައި ހިމެނެނީ:
* އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، %50 އަށްވުރެ މައްޗަށް ގޮސްފައިވާ އިންފްލޭޝަނާއި، އަދި ތެޔޮ އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީ ދަށަށް ދިއުމުގެ ސަބަބުން، ހަމައެކަނި އީރާނުންވެސް އިތުރު 12 އާއި 15 މިލިއަނާ ދެމެދުގެ މީހުން ފަގީރުކަމުގެ ތެރެއަށް ވެއްޓިދާނެއެވެ.
* އިރާގު، ލުބުނާން، ޕާކިސްތާން އަދި ސީރިއާ ފަދަ އަވަށްޓެރި ގައުމުތަކަށް، ހަކަތައިގެ އަގު ބޮޑުވުމާއި ބޭރުން ފޮނުވާ ފައިސާ (ރެމިޓެންސް) މަދުވުމުގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.
* މެދުތެރޭ އޭޝިއާގެ ގައުމުތަކާއި އަފްޣާނިސްތާނާއި ޔަމަނުގެ ބައެއް ސަރަހައްދުތަކަކީ ކާބޯތަކެތި އިމްޕޯޓްކުރުމަށާއި ހަކަތައިގެ ވިޔަފާރީގެ މަގުތަކަށް ބަރޯސާވާ ތަންތަން ކަމުން، އެ ގައުމުތަކަށްވެސް މި ނުރައްކާ އިންތިހާއަށް އެބައޮތެވެ.
"ވަގުތުން އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލި ކަމުގައިވިޔަސް، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށާއި ހަކަތައިގެ ބާޒާރުތަކަށް ލިބުނު ގެއްލުންތައް މަސްތަކަކަށް ދެމިގެންދާނެ،" ޔޫ.އެން.ޑީ.ޕީގެ އެޑްމިނިސްޓްރޭޓަރު އާކިމް ސްޓައިނާ ވިދާޅުވިއެވެ. "މިއީ މިހާރު ހަމައެކަނި ސަރަހައްދީ ހަނގުރާމައެއް ނޫން. މިއީ އެތައް މިލިއަން ބަޔަކަށް އަސަރުކުރާނެ ފަގީރުކަމާއި ބަނޑުހައިހޫނުކަމުގެ ކާރިސާއެއް އުފައްދަމުންދާ ކަމެއް."
އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ކާބޯތަކެތީގެ އެހީއާއި، ތެލުގެ ސަބްސިޑީ އަދި ފައިސާގެ އެހީ ފޯރުކޮށްދިނުމަށްޓަކައި، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މަދުވެގެން 2.8 ބިލިއަން ޑޮލަރުގެ އިންސާނީ އެހީގެ ފަންޑެއް ބައިނަލްއަގުވާމީ މުޖުތަމައުން ހޯދުމަށް އދ. އިން ވަނީ ގޮވާލާފައެވެ.
މި އިންޒާރު އައިސްފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮތް ނަމަވެސް، ހޯރްމޫޒް ކަނޑުއޮޅީގައި ކަނޑުގެ ސިފައިންގެ މެދުގައި އޮތް ނުތަނަވަސްކަމާއި އުޅަނދުފަހަރު ހިފެހެއްޓުމުގެ ސަބަބުން އެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ތެލުގެ އަގު ހަފުތާތަކެއް ވަންދެން ފީފާއެއް 110 ޑޮލަރަށްވުރެ މަތީގައި ހުރުމުގެ ސަބަބުން، މިއީ 2022 ވަނަ އަހަރަށްފަހު ކުރިމަތިވި ހަކަތައިގެ އެންމެ ބޮޑު ލޮޅުމެވެ. ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައްވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެ ސަބަބުން އިމްޕޯޓަށް ބަރޯސާވާ ގައުމުތަކުގެ ކާނާގެ ރައްކާތެރިކަން ވަނީ އިތުރަށް ގޯސްވެފައެވެ.
ޔޫ.އެން.ޑީ.ޕީގެ ރިޕޯޓުގައި ބާރުއަޅާފައިވާ ގޮތުގައި، އިގްތިސާދު ހަމަޖެއްސުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ފަގީރުކަން އިތުރުވުމުގެ ސަބަބުން އެ ސަރަހައްދުގެ ތަރައްގީއަށް ހޯދާފައިވާ އެތައް އަހަރެއްގެ ކުރިއެރުންތައް ގެއްލިގެން ހިނގައިދާނެއެވެ.





