އީރާނާއި އެމެރިކާއާ ދެމެދު އޮތް ދެ ހަފުތާގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ބުދަ ދުވަހަށް ހަމަވާން އޮތް ނަމަވެސް، އެ މުއްދަތު އިތުރުކުރައްވާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު އިއުލާނު ކުރައްވައިފިއެވެ.
މި ނިންމެވުމަކީ އިރާނުން އެއްބަސްވެވޭ ފަދަ ހުށަހެޅުމެއް ހުށަހެޅުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.
ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ ސަރުކާރުގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް ހުރި ކަމަށެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ކަނޑުގެ މަގުން ބަންދުކޮށްފައިވާ ސަރަހައްދުތައް އެގޮތުގައި ދެމެހެއްޓުމަށާއި، ކޮންމެ ވަގުތަކުވެސް ފިޔަވަޅު އެޅުމަށް ތައްޔާރަށް ތިބުމަށް އަމުރު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮންނާނީ އީރާނުން ހުށަހެޅުން ހުށަހަޅައި، އެކަމާ ގުޅޭ މަޝްވަރާތައް ވަކި ގޮތަކަށް ނިމެންދެން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި މުއްދަތު އިތުރުކޮށްފައި މިވަނީ، އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވުމުގެ ވިސްނުމެއް ނެތް ކަމަށް އީރާނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އަދި އެމެރިކާއިން އީރާނުގެ އުޅަނދެއް ހިފެހެއްޓުމާ ގުޅިގެން މަސްރަހު ނުތަނަވަސްވެފައިވާ ވަގުތެއްގައެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕާކިސްތާނުގެ މެދުވެރިން ވަނީ ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން މި މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެވެ.
ނަމަވެސް، މި އެއްބަސްވުން ނިމުމަކަށް އަންނާނެ ވަކި ތާރީޚެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.




