ދެ ފަރާތުގެ މެދުގައި ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ތަކުރާރުކޮށް ޚިލާފުވެ، "އިތުބާރު ގެއްލިފައިވާ" ކަމަށް ބުނެ، ހޯރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމަށް އަލުން ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ހުކުރު ދުވަހު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކަނޑުއޮޅި ދަތުރުފަތުރަށް ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އޭގެ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ "އުޅަނދުފަހަރު ދަތުރުކުރުމުގެ ކަންކަން އީރާނުގެ ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އަދި ބުނެވޭ ކަނޑުގެ ބްލޮކޭޑް (ބަންދުކުރުން) ކުރިއަށްދާ ނަމަ އެފަދަ ދަތުރުތަކަކީ ގަވައިދާ ހިލާފު ދަތުރުތަކެއް ކަމަށް ބެލެވޭނެ" ކަމަށް ކަށަވަރުކޮށްދީފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އިރާނާއެކު ފުރިހަމަ އެއްބަސްވުމަކަށް އާދެވެންދެން އީރާނުގެ ބަނދަރުތައް ކަނޑުމަގުން ބަންދުކޮށްފައި އޮންނަ އޮތުން ދެމިއޮންނާނެ ކަމަށެވެ. މިދިޔަ ހަފުތާ ބަންދުގައި އިސްލާމްއާބާދުގައި ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، ދެ ފަރާތުން ދެން ބައްދަލުކުރާނީ ކޮން އިރަކު އަދި ކޮން ތަނެއްގައި ކަމެއް ސާފެއް ނުވެއެވެ.
އީރާނުގެ އަސްކަރީ ތަރުޖަމާނަކު ވިދާޅުވީ ތެހެރާނުން "މަދު އަދަދެއްގެ ތެޔޮ ޓޭންކަރުތަކާއި ވިޔަފާރި އުޅަނދުތަކަށް" ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
"ނަމަވެސް ހިތާމައަކީ، އެމެރިކާ މީހުން އެމީހުންގެ އާދައިގެ މަތިން ތަކުރާރުކޮށް އިތުބާރު ގެއްލުވާލައި، ބްލޮކޭޑްގެ ނަމުގައި ކަނޑުފޭރުމާއި ކަނޑުމަތީގެ ވައްކަމުގެ އަމަލުތައް ހިންގަމުންދާތީ،" ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ތަރުޖަމާނު ވިދާޅުވިއެވެ.
އީރާނުގެ ބަނދަރުތަކުން ފުރާ އަދި އެ ބަނދަރުތަކަށް އަންނަ އުޅަނދުތައް ހުއްޓުވުން އެމެރިކާއިން ނިމުމަކަށް ގެންނަންދެން، ކަނޑުއޮޅީގެ ކޮންޓްރޯލް އަލުން އޮންނާނީ "ސިފައިންގެ މެނޭޖްމަންޓްގެ ދަށުގައި" ކަމަށް އޭނާ ވިދާޅުވިއެވެ.





