އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ކަނޑުގެ ބަންދު ދަމަހައްޓާނަމަ، އެއީ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުން ކަމަށް ބަލައި، ހޯރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ހުކުރު ދުވަހު ރިޕޯޓްކޮށްފިއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ ގާތް މަސްދަރަކާ ހަވާލާދީ ފާރްސް ނިއުސް އެޖެންސީން ބުނެފައިވަނީ، ސްޓްރެޓެޖިިކަލީ މުހިންމު މި ކަނޑުއޮޅި އަލުން ހުޅުވުން "ބިނާވެފައިވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުގެ މައްޗަށް" ކަމަށެވެ. މީގެ ތެރޭގައި އިސްރާއީލާއި ލުބުނާނާ ދެމެދު ވެފައިވާ 10 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅުންހުރި ކަންކަން ހިމެނެއެވެ.
މިކަން މިގޮތަށް ހާމަކޮށްފައިވަނީ، ވިޔަފާރި އުޅަނދުފަހަރަށް ކަނޑުއޮޅި "މުޅިން ހުޅުވާލެވިފައިވާ" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.
ރައީސް ޓްރަމްޕް ވަނީ ޓްރޫތް ސޯޝަލްގައި އެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. ނަމަވެސް، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އާދެވެންދެން އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ބަންދު ފުރިހަމަ ބާރާއެކު ދެމިއޮންނާނެ ކަމަށް ބުނެފަވެއެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހޯރްމުޒް ކަނޑުއޮޅީގެ މި ނިންމުމާއެކު، ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.




