އީރާނުގެ ބަނދަރުތަކަށް އަމާޒުކޮށް އެމެރިކާގެ ކަނޑުގެ ސިފައިން މިހާރު ކުރިއަށްގެންދާ ބްލޮކޭޑް ނުވަތަ ދަތުރުފަތުރު ހުއްޓުވުން ކުރިއަށްދާނަމަ، ޕާޝިއަން ގަލްފް، އޮމާން ކަނޑު އަދި ރަތްކަނޑު މެދުވެރިކޮށް ކުރާ ހުރިހާ ޝިޕިންގް އަދި ވިޔަފާރި މުއާމަލާތްތަކެއް ހުއްޓުވާނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފިއެވެ.
މީގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް މިހާރުވެސް ބުރޫއަރާފައިވާ މި ހަމަނުޖެހުމުގެ މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.
އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ އަބްދުﷲ ހީ ވިދާޅުވީ، އީރާނުގެ ވިޔަފާރި އުޅަނދުފަހަރަށް ނުވަތަ ތެޔޮ ޓޭންކަރުތަކަށް "ނުރައްކާ" ކުރިމަތިވާ ފަދަ އެމެރިކާގެ އެއްވެސް އަމަލަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުން ކަމުގައި ބެލެވޭނެ ކަމަށެވެ.
އަދި އެ ސަރަހައްދުގެ ކަނޑުގެ މަގުތަކުން "އެއްވެސް އެކްސްޕޯޓެއް ނުވަތަ އިމްޕޯޓެއް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އީރާނުގެ ސަލާމަތީ ބާރުތަކުން ނުދޭނެ" ކަމަށް އޭނާ އިއުލާން ކުރެއްވިއެވެ.
މި އިންޒާރު ދީފައިވަނީ، ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވުމާއި ހޯރްމޫޒް ކަނޑުއޮޅީގައި އީރާނުން މީގެ ކުރިން ހިންގާފައިވާ ހުރަސްއެޅުންތަކަށް ރައްދު ދިނުމުގެ ގޮތުން، ހޯރްމޫޒް ކަނޑުއޮޅިއާއި އޮމާން ކަނޑުގެ އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ އުޅަނދުފަހަރަށް އަމާޒުކޮށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބްލޮކޭޑެއް ގާއިމުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ހަނގުރާމަމަތީ އުޅަނދުފަހަރު ބޭނުންކޮށްގެން އުޅަނދުތައް އަނބުރާ ފޮނުވާލައި، ކަނޑުގެ ސަރަހައްދުގައި ބާރުގަދަކޮށް، އީރާނުގެ ކަނޑުގެ ވިޔަފާރި މިހާރު ވަނީ ހުއްޓުވާފައެވެ.
ހޯރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް %20 ހިއްސާކުރާ މުހިންމު މަގެކެވެ. އީރާނުގެ މި އިންޒާރުތަކާ ގުޅިގެން، ރަތްކަނޑުގެ ބާބުލް މަންދަބު ކަނޑުއޮޅީގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތައް މެދުވެރިކޮށް، މުޅި ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަނގުރާމަ ސިފަކުރައްވާފައިވަނީ "ނިމުމަކާ ވަރަށް ގާތްވެފައިވާ" ކަމެއް ގޮތުގައެވެ.
އަދި މި ބްލޮކޭޑަކީ އިރާނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅެއް ކަމަށް ބުނެ، އެކަން ދިފާއުކުރެއްވިއެވެ.





