ޝިޕް ޓްރެކިންގް ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެމެރިކާއިން ކަނޑުގެ މަގުން ހުރަސްތަކެއް ކުރިމަތިކުރަން ފަށާފައިވީ ނަމަވެސް، އީރާނާ ގުޅުންހުރި ހަތަރު އުޅަނދެއް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށްދިއެވެ.
މެރިން ޓްރެފިކްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން ދެ އުޅަނދެއް ވަނީ އީރާނުގެ ބަނދަރުތަކަށް މަޑުކޮށްފައެވެ. ޝިޕް-ޓްރެކިންގް ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މުދާ އުފުލާ ބޯޓެއް ކަމަށްވާ 'ކްރިސްޓިއާނާ' ވަނީ އީރާނުގެ ބަންދަރު އިމާމް ޚުމައިނީއަށް މަޑުކުރުމަށްފަހު، ހުރަސްތައް ކުރިމަތިކުރަން ފެށިފަހުން މިދިޔަ ހޯމަ ދުވަހު ކަނޑުއޮޅި ހުރަސްކޮށްފައެވެ.
އީރާނާ ގުޅުންހުރި ވިޔަފާރިތަކުގެ ސަބަބުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ 'ރިޗް ސްޓާރީ' ރޭގަނޑުގެ ވަގުތެއްގައި ޔޫއޭއީގެ ޝާރްޖާއިން ފުރައިގެން އިރުމައްޗަށް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފައިވާކަން ތަފާސްހިސާބުތަކުން ފެނެއެވެ.
އީރާނާ ގުޅުންހުރި ވިޔަފާރީގެ ސަބަބުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައިވާ ތެޔޮ އުފުލާ ބޯޓު 'މުރްލިކިޝަން' ޗައިނާގެ ލަންޝާންއިން ފުރައިގެން ރޭގަނޑުގެ ވަގުތެއްގައި ހުޅަނގަށް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރިއެވެ. މެރިން ޓްރެފިކުން ބުނާގޮތުގައި އެ ބޯޓު އެންމެ ފަހުން ފެނިފައިވަނީ އީރާނުގެ ގޭޝްމް ރަށުގެ އިރުމަތިންނެވެ.
މީގެ އިތުރުން، ތެޔޮ އުފުލާ އެހެން ބޯޓެއް ކަމަށްވާ 'އެލްޕިސް' އީރާނުގެ ބޫޝެހްރު ބަނދަރުން ފުރައިގެން ރޭގަނޑުގެ ވަގުތެއްގައި އިރުމައްޗަށް ކަނޑުއޮޅި ހުރަސްކޮށްފައިވާކަން ޓްރެކިންގްއިން ދައްކައެވެ. މިއީވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައިވާ ބޯޓެކެވެ. އަދި މި ބޯޓު ދަތުރުކުރާ މަންޒިލެއް ނޭނގެއެވެ.
މި އުޅަނދުތަކުން އެ ތަކެތި ހުރި ތަން އޮޅުވާލުމަށްޓަކައި، "ސްޕޫފިންގް" ނުވަތަ ދޮގު ލޮކޭޝަން ރިޕޯޓުތަކެއް ފޮނުވަމުންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ހޯމަ ދުވަހުގެ 14:00 ޖީއެމްޓީ އިން ފެށިގެން "އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ ކަނޑުގެ ދަތުރުފަތުރެއް" ހުއްޓުވާނެ ކަމަށެވެ. ނަމަވެސް، އީރާނުގެ ބަނދަރުތައް ނޫން އެހެން ތަންތަނަށް ދަތުރުކުރާ އުޅަނދުތަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅާނެ ކަމަށްވެސް ބުނެފައިވެއެވެ.





