ވޭލްސް ބަލިކޮށް، ޕޯޗުގަލުން ނޭޝަންސް ލީގުގެ ގުރޫޕުގެ އެއްވަނަ ކަށަވަރުކޮށްފި

ޔުއެފާ ނޭޝަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ރަށުން ބޭރުގައި ވޭލްސް 3-2 އިން ބަލިކޮށް، 15 ޕޮއިންޓާއެކު ޕޯޗުގަލުން ގުރޫޕުގެ އެއްވަނަ މަޤާމު ކަށަވަރުކޮށްފިއެވެ. ކާޑިފްގައި ކުޅުނު މި ފޯރިގަދަ މެޗުން ހޯދި މޮޅާއެކު އެ ޓީމު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕޯޗުގަލަށް ފުރަތަމަ ލީޑު ނަގައިދިނީ 11 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްއެވެ. އޭގެ ފަހުން ވޭލްސްއިން ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޕެޑްރޯ ނެޓޯ ވަނީ ޕޯޗުގަލަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް، ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ވޭލްސްއިން އިތުރު ލަނޑެއް ޖަހައި 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޕޯޗުގަލް މޮޅުކޮށްދިން ލަނޑު، މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ކާލޯސް ފޯބްސްއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު، ޕޯޗުގަލުން ފެށި އައު ދައުރުގައި ރޮނާލްޑޯ ބޭނުންކުރި މަޝްހޫރު ހަތް ނަމްބަރު ޖާޒީގައި ކުޅެމުން އަންނަ ފޯބްސްއަށް މިއީ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ދެ ޓީމުގެ މެދުގައި ކުޅުނު މެޗުގައި، ފަހަތުން އަރައި 3-2 އިން ޑެންމާކް ބަލިކޮށް، ނޯވޭއިން ވަނީ ކުއާޓާ ފައިނަލުގެ އަނެއް ޖާގަ ހޯދައިފައެވެ. ވާދަވެރި މި މެޗުން ނޯވޭ މޮޅުކޮށްދިން ލަނޑު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަރލިންގ ހާލަންޑެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް