މާލޭގެ ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި ތަރައްޤީކުރަމުންދާ ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، ރާޅާއެޅުންތެރިންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ ވަސީލަތް ނިންމަވައި ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓާއެކު، ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކުވައިދޭ ފޮޓޯތަކެއް ވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ސާފިންގ ސްޓޭޑިއަމް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ބާރު ސްޕީޑުގައި ކަމަށެވެ.
މާލޭގެ ރާޅާއެޅުންތެރިންނަށް ބޭނުންތެރި މި ވަސީލަތް ފުރިހަމަކޮށް، އެ ފަރާތްތަކާ ހަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.
މީގެ އިތުރުން، އެހެނިހެން ކުޅިވަރުތަކާ ގުޅުންހުރި ވަސީލަތްތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ވެސް މިހާރު ރަނގަޅު މިސްރާބަކަށް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.





