މި ސީޒަނުގައި ކުޅުނު 15 މެޗުގެ ތެރެއިން އެންމެ ތިން މެޗުން މޮޅުވެ، ޓީމު ލީގު ތާވަލުގެ 18 ވަނައިގައި އޮތުމާ ގުޅިގެން، މެންޗެސްޓާ ޔުނައިޓެޑުން ކްލަބު ލެޖެންޑް މައިކަލް ކެރިކް ކޯޗުކަމުގެ މަގާމުން ވަކިކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ޔުނައިޓެޑަށް މޮޅުވެވުނީ އެންމެ މެޗަކުން ކަމަށްވާއިރު، ޓީމު މިހާރު އޮތީ ރެލިގޭޝަން ޒޯނުގައެވެ.
ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ ރަނގަޅު ނަތީޖާތަކެއް ނެރުމުން، ޔުނައިޓެޑުން ވަނީ ކެރިކްއާއެކު ދާއިމީ ކޯޗެއްގެ ގޮތުގައި އެއްބަސްވުމެއް ހަދާފައެވެ.
ކެރިކް ވަކިކުރުމަށް ނިންމީ، ކްލަބުގެ ހިއްސާދާރު ސަރ ޖިމް ރެޓްކްލިފްއާއި ސީއީއޯ އޮމަރު ބެރާޑާ އަދި ޑިރެކްޓަރ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސް ފްރާންސްގެ މޮނާކޯގައި ކުރި މަޝްވަރާތަކަށްފަހު ކަމަށް މައުލޫމާތުލިބެއެވެ.
ކެރިކްގެ ބަދަލުގައި ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވުމަށް އެންމެ ގާތީ، ކުރިން ޓޮޓެންހަމް އާއި ޗެލްސީގެ ކޯޗުކަން ކޮށްދީފައިވާ، އެމެރިކާގެ ޤައުމީ ޓީމުގެ މިހާރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއެވެ. އެމެރިކާގެ ޤައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް، 10 މިލިއަން ޑޮލަރު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ދައްކަން ޖެހޭނެއެވެ.





