ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ދިޔަވެ ހިނގި ހާދިސާ ތަޙުޤީޤުކުރަމުން އަންނަ ކަމަށާއި، އިތުރު މައުލޫމާތު ކަށަވަރުވާ ވަރަކުން ހާމަކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ)ން ބުނެފިއެވެ.
އެމްޓީއެސްބީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ނޫވިލު ސީޕްލޭން ޓާމިނަލުން ފުރަން އުޅުމުގެ ތެރޭގައި ހިނގި މި ހާދިސާގައި އަނިޔާވީ އެ ބޯޓުގެ އެޓެންޑަންޓަށެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ބޯޓުގައި ތިބި އެހެން އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ބޯޑުން ބުނެއެވެ.
އަނިޔާވި ކްރޫއަށް ފަރުވާދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި، ވެންޓިލޭޓަރުގެ އެހީގައި ކަމަށް މައުލޫމާތުލިބެއެވެ. އޭނާއަށް އަނިޔާވީ ސީޕްލޭން އެއްފަޅިއަކަށް ބަރުވި ވަގުތު ކަނދު ބިންދައިގެން ގޮސް، ކަނދާއި ބޯޓާ ދެމެދު ފިތިގެން ކަމަށްވެސް މައުލޫމާތުލިބިފައިވެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބަޔާނެއްގައި ވަނީ، ސީޕްލޭން ދިޔަވީ ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީކުރުމުގެ ތެރޭގައި ކަމަށެވެ. ހާދިސާ ހިނގި ވަގުތުން އެމްއޭސީއެލްގެ އެއާޕޯޓް އިމަޖެންސީ ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށްވެސް ބަޔާނުގައި ވެއެވެ.
މީސްމީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ސީޕްލޭންގެ ބައެއް އޮތީ ފެނު އަޑީގައެވެ. އަދި ލައިފް ރިންގުގެ އެހީގައި ބޯޓުގައި ތިބި މީހުން ބާލަމުންދާ މަންޒަރުވެސް ފެނެއެވެ.





