ބޭނުންވާ ބޭސް ލިބެން ހުރި ފާމަސީތަކާއި، ބޭހުގެ އަގާއި ސްޓޮކް ހުރި މިންވަރު ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭނެ ސިޓިޒަން ޕޯޓަލެއް މި ނޮވެމްބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފަށާނެ ކަމަށް ޤައުމީ ބޭސް ކުންފުނި ސްޓޭޓް ފާމާއިން ބުނެފިއެވެ.
ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހުމަދު ޒިޔާއު ސައީދު ވިދާޅުވީ، ރައްޔިތުންނަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު ތަކުލީފަކީ ބޭސް ލިބެން ހުރީ ކޮން ފާމަސީއަކުންކަން ނޭނގި، ބޭސް ހޯދުމަށް އެއް ފާމަސީން އަނެއް ފާމަސީއަށް ދުވަން ޖެހުން ކަމަށެވެ.
"ނޮވެމްބަރު މަސް ނިމުމުގެ ކުރިން މި މައްސަލައަށް އަޅުގަނޑުމެން ހައްލެއް ގެނެސްދޭނަން. މި ޕޯޓަލް ބޭނުންކުރަން ފެށުމުން ބޭސް ވިއްކާ ތަންތަނާއި، އަގުތަކާއި، އަދި ސްޓޮކް ހުރި މިންވަރު ސާފުކޮށް ފެންނަން ހުންނާނެ،" ޒިޔާއު ވިދާޅުވިއެވެ.
ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިންސާނީ ވަސީލަތްތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު ކުޑަކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.
މި ނިޒާމު ގާއިމުވުމުން ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ދުރާލާ ދެނެގަނެވޭނެ ކަމަށާއި، އެގޮތުން ކުރިއަށް އޮތް އަހަރަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ މިންވަރަށް ފެންވަރު ރަނގަޅު ބޭސް އެތެރެކޮށް، މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ބޭސް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން، ގިނަ ދުވަހު ރައްކާކުރެވޭ ބޭސްތައް ރާއްޖެ ގެނެސް، އަތޮޅުތަކުގެ ރަށްރަށުގައި ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްވެސް ސްޓޭޓް ފާމާއިން ދަނީ ރާވަމުންނެވެ.





