ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ނިއު ޒީލެންޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ދެ އެކުވެރިކަމުގެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި، 5-0 އިން އިންޑިއާ ބަލިވެއްޖެއެވެ.
މި މެޗު މިއަދު ކުޅުނީ ނިއު ޒީލެންޑުގެ އޯކްލޭންޑްގައި ހުންނަ ގޯ މީޑިއާ ސްޓޭޑިއަމްގައެވެ. މި ދެ މެޗު ކުޅެނީ ދެ ޤައުމުގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހިކުރިތާ 100 އަހަރު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިންނެވެ.
މެޗުގައި ނިއު ޒީލެންޑުން ޖެހި ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ގޯލަކީ ފަސް ވަނަ މިނިޓުގައި އިންޑިއާގެ ޑިފެންޑަރު ބިޖޯއި ވާގީސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ފުރަތަމަ ހާފުގެ އަނެއް ދެ ގޯލު ނިއު ޒީލެންޑަށް ޖަހައިދިނީ ޖެސީ ރަންޑަލްއެވެ.
ދެވަނަ ހާފުގައި، މެޗުގެ 57 ވަނަ މިނިޓުގައި ނިއު ޒީލެންޑުގެ ހަތަރުވަނަ ގޯލު ޖަހައިދިނީ ނޮޓިންހަމް ފޮރެސްޓަށް ކުޅޭ ފޯވަޑު ކްރިސް ވުޑްއެވެ. އަދި 74 ވަނަ މިނިޓުގައި ފަސްވަނަ ގޯލު ޖެހީ ލަޗްލަން ބޭލިސްއެވެ.
ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ މެޗުތަކަށް ސީނިއާ ކުޅުންތެރިން ފޮނުވުމަށްޓަކައި، ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާއިން ފޮނުވާފައިވަނީ ޒުވާން ޓީމެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން 3-2 އިން ބަލިކުރުމަށްފަހު، އެ ސްކޮޑުގެ ތިން ކުޅުންތެރިއަކު ވަނީ ނިއު ޒީލެންޑް މެޗުތައް ކުޅުމަށް ސީނިއާ ސްކޮޑާ ގުޅިފައެވެ.
ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ އިންޑިއާ، ސެމީ ފައިނަލުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އިންޑިއާއާއި ނިއު ޒީލެންޑު ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.





