ވިއްސާރައިގައި ފެންބޮޑުވެ ފަންގަސް ފެތުރުމުގެ ސަބަބުން، އައްޑޫ ސިޓީ މީދޫގައި ދަނޑުވެރިކަން ކުރާ "ޒުވާން ދަނޑުވެރިޔާ" ރަމްޒީގެ ޑްރެގަން ފްރުޓް ދަނޑުގެ ގާތްގަނޑަކަށް 33 އިންސައްތަ ގަސް ކަނޑާލަން ޖެހިއްޖެއެވެ.
ރަމްޒީ މިއަދު ބުނީ، ގަސްތަކުގައި ފަންގަސް ޖެހުމުން ބޭސް ޖަހައިގެން ސަލާމަތްކުރެވޭތޯ މަސައްކަތްކުރި ނަމަވެސް، ވާރޭ ހުއްޓުމެއް ނެތި ވެހުމާއެކު އެހެން ގަސްތަކަށް ވެސް ފަންގަސް ފެތުރުމުން، ގަސްތައް ކަނޑާލަން މަޖުބޫރުވީ ކަމަށެވެ.
ފަންގަސް ފެތުރުމުގެ ސަބަބުން ދަނޑުގައި ހުރި 70 ތަނބެއްގެ ގަސްތައް ވަނީ ކޮށާލާފައެވެ. ކޮންމެ ތަނބެއްގައި ހަތަރު ގަސް ހުރިއިރު، އެއީ ވިއެޓްނާމްގެ ހުދާއި ރަތް ވެރައިޓީގެ ގަސްތަކެކެވެ.
"ބޭސް ޖަހައި އެ އެއްޗެހި ހިކުމާއި ރަނގަޅަށް ބޮޑުވާން އަވި ބޭނުންވޭ. އެކަމަކު، އަވި ނުލިބި ވިއްސާރަވުމުން މި ގަސްތައް ކަނޑާލަން ޖެހުނުއިރު ގަސްތަކުގައި މާތައް ވެސް ފޮޅިފައި ހުރީ،" ރަމްޒީ ބުންޏެވެ.
ރަމްޒީ ބުނީ، މިއީ މާލީ ގޮތުން ވެސް ބޮޑު ގެއްލުމެއް ކަމަށެވެ. ނަމަވެސް ކަނޑާލި ގަސްތަކުގެ ބަދަލުގައި އިތުރު ވެރައިޓީތަކުގެ ގަސްތައް އިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރާއްޖޭގައި އާންމުކޮށް ނުހައްދާ ޑްރެގަން ފްރުޓް ފަދަ މޭވާ ހައްދައިގެން ރަމްޒީ ކުރަމުންދާ މަސައްކަތަކީ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ މަސައްކަތެއް ކަމަށްވާއިރު، އެ ދަނޑު ބަލަން ވެސް ޒިޔާރަތްކުރާ މީހުން ގިނައެވެ.





