ލަނޑެއް ނުޖެހި ދެ މެޗުންވެސް ބަލިވެ، ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ، އެއްވެސް ލަނޑެއް ނުޖެހި ރާއްޖެ މުބާރާތުން ކަޓައިފިއެވެ. ރާއްޖެ މުބާރާތުން ވަކިވާން ޖެހުނީ ގްރޫޕްގެ ފަހު މެޗުގައި އިންޑިއާ އަތުން 1-0 އިން ބަލިވުމާ ގުޅިގެންނެވެ.

ޑާކާގެ ނެޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ 38 ވަނަ މިނެޓުގައި އިންޑިއާއަށް ލީޑު ނަގައިދިނީ ސުހައިލް އަހުމަދު ބަޓެވެ. އެ ލަނޑު ޖެހީ ރާއްޖޭގެ ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފް (ކްރޯ) އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ދެވަނަ ހާފުގައި ރާއްޖޭން ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ހާއްސަކޮށް މެޗުގެ ފަހުކޮޅުގައި އިބްރާހިމް އައިސަމް، ބަދަލަކަށް ކުޅެން ނުކުތް މުޒްދާން ހަސަން އަދި އީތަން އިބްރާހިމް ޒަކީ ފޮނުވާލި ހަމަލާތައް އިންޑިއާގެ ކީޕަރު ޕްރިޔާންޝް ޑޫބޭ ވަނީ ހުއްޓުވާފައެވެ.

މި މެޗަށް ރާއްޖެ ނުކުތީ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 3-0 އިން ބަލިވެފައެވެ. މި މެޗުން މޮޅުވުމާއެކު އިންޑިއާ ވަނީ ސެމީފައިނަލަށް ދާން ކާމިޔާބުވެފައެވެ.

ޖެހިޖެހިގެން ދެވަނަ ފަހަރަށް ރާއްޖެ މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާއިރު، މިއީ ސާފްގެ މުބާރާތެއްގައި ރާއްޖެއަށް ލަނޑެއް ނުޖެހި މުބާރާތް ނިމުނު ފުރަތަމަ ފަހަރެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް