ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ގެ ހަވާސާގައި ބާއްވާ ލީޑާސް ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ސަމިޓު ހުޅުވުމުގެ ސެޝަނަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ޤައުމުތަކުގެ އިސްވެރިންނާއި ސަރުކާރުތަކުގެ ވެރިންނާއެކު ނެންގެވި ރަސްމީ ގްރޫޕް ފޮޓޯގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
ރައީސްގެ ދެކަނބަލުން ތުރުކީވިލާތަށް ވަޑައިގެންނެވީ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން، ކޮޕް31 ގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ބައްދަލުވުމެކެވެ.





