އެއާލައިންތަކަށް ފްލައިޓް ހުއްދަތަކަށް ޓްރޭޑިއަން މެދުވެރިކޮށް އެދެވޭނެ

ނޮވެމްބަރު މަހުގެ މެދުތެރޭގައި ތަޢާރަފުކުރުމަށް ރޭވިފައިވާ ޚިދުމަތްތަކާއެކު، އެއާލައިންތަކަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލައިޓްތަކުގެ ހުއްދައާއި ލައިސަންސްއާ ގުޅޭ އެޕްލިކޭޝަންތައް "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މައިންޑްކޯއިން ބުނެފިއެވެ.

މައިންޑްކޯއިން ބުނީ، ޓްރޭޑިއަންގެ ދެވަނަ ފިޔަވަހީގެ ދަށުން މި މަހު އޭވިއޭޝަން ދާއިރާއަށް އަލަށް 8 ޚިދުމަތެއް ތަޢާރަފުކުރާނެ ކަމަށާއި، މިހާރު ލިޔެކިއުންތައް ހުށަހަޅާ ޗެނަލްތަކުގެ އިތުރުން ޓްރޭޑިއަން މެދުވެރިކޮށްވެސް އެޕްލިކޭޝަންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށެވެ.

އެ ޚިދުމަތްތަކުގެ ތެރޭގައި ޝެޑިއުލްޑް ފްލައިޓްސް އަދި އެޑް ހޮކް ޗާޓަރ ފްލައިޓްސްގެ އޮތޮރައިޒޭޝަނާއި، ފްލައިޓް ޝެޑިއުލް ހުށަހެޅުމާއި އަދާހަމަކުރުމާއި، އެއާލައިން އެޖެންޓް ހަމަޖެއްސުމާއި، ޝެޑިއުލްޑް ފްލައިޓްސް ލައިސަންސް އާކުރުމާއި ބާޠިލުކުރުމާއި، ފްލީޓް އަދާހަމަކުރުން ހިމެނެއެވެ.

މި ޚިދުމަތްތައް ލައިވްކުރުމުގެ ކުރިން، އޭވިއޭޝަން ޚިދުމަތްތަކަށް ޚާއްޞަކޮށް 16 އިން 30 ޖޫން 2026 އާ ދެމެދު 11 ޔޫޒަރ އެކްސެޕްޓެންސް ޓެސްޓިންގ ސެޝަނެއް ބޭއްވުނުއިރު، އެ ސެޝަންތަކުގައި 137 ބައިވެރިން ބައިވެރިވިއެވެ. އެ ސެޝަންތަކުން ލިބުނު ފީޑްބެކަށް ބިނާކޮށް، ދެވަނަ ބުރުގެ ސެޝަންތައް 11 އަދި 12 އޮކްޓޫބަރުގައި ވަނީ ބާއްވާފައެވެ.

ޓްރޭޑިއަން ޤާއިމުކުރަނީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާ "މޯލްޑިވްސް 2.0" ގެ ދަށުން، ރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދެވޭ އިމްޕޯޓް އެކްސްޕޯޓްގެ ޚިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށެވެ. ޕްލެޓްފޯމްގެ ފުރަތަމަ ފިޔަވަހީގައި ކަނޑުމަގުން ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިލެކްޓްރޯނިކްކޮށްފައިވާއިރު، ޖޫން 2026 ގައި ރާއްޖެއަށް ކަނޑުމަގުން އަންނަ ބޯޓުފަހަރުތަކުގެ ޑިކްލަރޭޝަނާއި ގުޅުންހުރި ހުއްދަތައް ހަމައެކަނި ޓްރޭޑިއަން މެދުވެރިކޮށް ހުށަހަޅަން ފެށިއެވެ.

މީގެ އިތުރުން، މުދަލުގެ ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހެޅުމާއި އިތުރު ރެގިއުލޭޓަރީ ހުއްދަތައް ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރުންވެސް ދެވަނަ ފިޔަވަހީގައި ހިމެނޭއިރު، އެ ޚިދުމަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ތަޢާރަފުކުރުމުގެ ތައްޔާރީތައް ދަނީ ކުރެވެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް