ސީޕްލޭން ހާދިސާގައި އަނިޔާވި ޓީއެމްއޭގެ ކްރޫއަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މެންދުރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ދިޔަވި ހާދިސާގައި އަނިޔާވި ޒުވާން ކްރޫއަކަށް، ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީއެވެ.

ހާދިސާ ހިނގީ މެންދުރު 2:25 ހާއިރު، ސީޕްލޭން ޓާމިނަލްގެ ޕްލެޓްފޯމާ ކައިރިކުރަމުން ދަނިކޮށެވެ. ސީޕްލޭންގެ ދެ ކަނދުގެ ތެރެއިން އެއް ކަނދަށް ގެއްލުންވެ ބިނދުމާއެކު، ސީޕްލޭން އަރިއަޅާލައި ބޯޓަށް ލޮނުގަނޑު ވަދެފައިވެއެވެ.

ޓީއެމްއޭއިން ބުނީ، ހާދިސާ ހިނގި ވަގުތު ސީޕްލޭނުގައި ތިބި ފަސިންޖަރުންނާއި ކްރޫން ރައްކާތެރިކަމާއެކު ބޯޓުން ބާލާފައިވާ ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުން ދާ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިޔާމް ވިދާޅުވީ، ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެކަން ހިނގައިދިޔަ ގޮތް ބަލަމުން ދާ ކަމަށެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހާދިސާ ހިނގުމާއެކު އެއާޕޯޓް އިމަޖެންސީ ސާވިސަސްއިން ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށި ކަމަށާއި، އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ.

ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ޚިދުމަތްތައް މެދުނުކެނޑި، އާންމު ގޮތުގައި ކުރިއަށް ދާ ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް