އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް އެފްއޭއެމުން ދައްކަންޖެހޭ 253،030 ޑޮލަރު (3.9 މިލިއަން ދިވެހި ރުފިޔާ) އެއްކޮށް މައާފުކޮށްދީ، ރާއްޖޭގެ ފުޓްބޯޅައަށް އަޅާފައިވާ މާލީ ފިޔަވަޅުތައް އޭއެފްސީން އުވާލައިފިއެވެ.
މި ފައިސާއަކީ 2023 ވަނަ އަހަރު އޭއެފްސީން ދިން އެހީގެ ތެރެއިން އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓާއި ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ނަހަމަ ގޮތުގައި ބޭނުންކޮށް ހިޔާނާތްތެރިވި ފައިސާއެކެވެ. އޮޑިޓުން އެކަން ކަށަވަރުވުމުން، ފައިސާ އަނބުރާ ދެއްކުމަށް އަންގައި، 2024 އިން ފެށިގެން އޭއެފްސީން އޮތީ ރާއްޖެއަށް މާލީ އެހީ ދިނުން ސަސްޕެންޑްކޮށްފައެވެ.
ދިވެހި ފުޓްބޯޅަ އަލުން އާރާސްތުކުރުމަށް އެފްއޭއެމުން އެދުމުން އޭއެފްސީން މި ދަރަނި މައާފުކޮށްދިނުމުން، ކުރިއަށް އޮތް އަހަރުން ފެށިގެން އޭއެފްސީގެ މާލީ އެހީތެރިކަމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ވަނީ ހުޅުވިފައެވެ. ބައްސާމުގެ މައްޗަށް ފީފާއިން އުމުރު ދުވަހުގެ ސަސްޕެންޝަނެއް އައިސްފައިވާއިރު، ރާއްޖޭގެ ކޯޓަކުން ވަނީ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ޖަލު ހުކުމެއްވެސް އިއްވާފައެވެ.





