ޔޫއީއެފްއޭ ނޭޝަންސް ލީގުގައި އިންގްލޭންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުން 3-2 ގެ ނަތީޖާއަކުން އިންގްލޭންޑް ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުން މުބާރާތް ކާމިޔާބު ފެށުމަކުން ފަށައިފިއެވެ. ފަހަތުން އަރައި ސްޕެއިނުން ހޯދި މި މޮޅާއެކު އެ ގައުމުން ވަނީ ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު 39 މެޗަށް އިތުރުކޮށްފައެވެ.
މެޗު ފެށިގެން ދެވަނަ މިނެޓުގައި އިންގްލޭންޑުގެ ޑިފެންޑަރު މާކް ގުއެހީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ލަމީން ޔަމާލް ވަނީ ސްޕެއިނަށް ކުރިހޯދައިދީފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އިންގްލޭންޑުން ވަނީ ކުޅުން ރަނގަޅުކޮށް، އެންތަނީ ގޯޑަންއާއި ހެރީ ކޭން ޖެހި ގޯލުތަކާއެކު 2-1 އިން ކުރިހޯދާފައެވެ. ދެވަނަ ހާފު ފެށިގެން އިންގްލޭންޑަށް ލިބުނު ޕެނަލްޓީއަކުން ލީޑު ފުޅާކުރުމަށް ހެރީ ކޭން ފޮނުވާލި ހަމަލާ ވަނީ ގޯލުގެ ހުރަސްދަނޑީގައި ޖެހި ބޭރަށް ގޮސްފައެވެ.
އިންގްލޭންޑަށް ލިބުނު ފުރުސަތު ގެއްލުމާއެކު، ސްޕެއިނުން ވަނީ ކުޅުން ވަރުގަދަކޮށް ދެވަނަ ހާފުގައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ އަލެކްސް ބައޭނާ ސްޕެއިނަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، 74 ވަނަ މިނެޓުގައި މެޗުން ސްޕެއިން މޮޅުކޮށްދިން ގޯލު ޖަހައިދިނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންނުކުތް މައިކަލް އޮޔާރްޒަބާލްއެވެ.





