ރައީސް ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ބަނގުރޫޓުވެފައި: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ބަނގުރޫޓުވެފައި ކަމަށާއި، ފާއިތުވި ތިން އަހަރުގެ ތެރޭގައި ރައީސް ޤައުމުގެ ޙާލަތު ބަދަލުކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްގެ "ހަފްތާ 156" ޕްރޮގްރާމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

އެ ޕްރޮގްރާމްގައި ނައިބު ރައީސް ވިދާޅުވީ، ރައީސް ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު ޑިފޯލްޓްވެދާނެކަމުގެ ވާހަކަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ދައްކަމުން ދިޔަ ކަމަށާއި، ރައީސް މަސައްކަތްޕުޅު ފައްޓަވަން ޖެހިވަޑައިގަތީ ސުމަކުން ކަމަށެވެ. އަދި އޭރު ރާއްޖޭގެ އިޖުތިމާޢީ ފޭރާން އޮތީ ހަލާކުވެ، ޒުވާނުންގެ ކުރިމަގު ބަނަވެފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، އެ ޙަޤީޤަތާ ކުރިމަތިލައްވައި ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ރައީސް ވަރަށް ގިނަ ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ޒުވާނުންނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޤައުމެއް ބައްޓަންކުރެވޭނީ ޒުވާނުންގެ ހަކަތައާއެކު ކަމަށެވެ. އެގޮތުން، ދިވެހި ވަޠަނީ ޚިދުމަތް ތަޢާރަފުކުރުމާއި ޒުވާން ޚަޠީބުންގެ ޕްރޮގްރާމް ފަދަ މަސައްކަތްތައް ސަރުކާރުން ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ޒުވާނުންނާއި ކުދި ވިޔަފާރިތައް ފެށުމަށް ސަރުކާރުން ލޯނު ފޯރުކޮށްދެމުންދާ ކަމަށާއި، އެފަދަ ވިޔަފާރިތަކުގެ އުފެއްދުންތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ މާކެޓްކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް