ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް މިނިވަން މުއައްސަސާތަކަށް ފައިސާ ހަމަޖައްސައިދޭނެ: ފިނޭންސް މިނިސްޓަރު

ބަޖެޓު ކުޑަވުމުގެ ސަބަބުން އެއްވެސް މިނިވަން މުއައްސަސާއެއްގެ އަސާސީ ޚިދުމަތަކަށް ނުވަތަ މަސައްކަތަކަށް ހުރަހެއް ނޭޅޭނެ ކަމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ފައިސާ ހަމަޖައްސައިދޭނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މި ވާހަކަ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން މިނިވަން މުއައްސަސާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިގެން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ބަޖެޓަށް ޚިޔާލު ހޯދުމަށް ކޮމިޓީއަށް ހާޒިރުކުރުމުން އިލެކްޝަންސް ކޮމިޝަން (އީސީ)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވަނީ އެ މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ، މުއައްސަސާތަކަށް ބަޖެޓު ކަނޑައަޅަނީ އަބަދުވެސް އެއްވެސް މަސައްކަތަކަށް ހުރަސް ނޭޅޭނެ ގޮތަށް ކަމަށެވެ. ކޮންމެހެން ކުރަންޖެހޭ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފައިސާ ހަމަޖެއްސުމަށް ބަޖެޓުގައި އެއް ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ހިމަނާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މުވައްޒަފުން އިތުރުކުރުމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ސަރުކާރުގެ އަމާޒަކީ މުވައްޒަފުން އިތުރު ނުކުރުން ކަމަށެވެ. ދައުލަތުގެ މުއައްސަސާތަކުގައި މުވައްޒަފުން ތިބީ އެކަށީގެންވާ އަދަދަށްތޯ ބެލުމަށް އަންނަ އަހަރު އެޗްއާރް އޮޑިޓެއް ހަދާނެ ކަމަށާއި، މުވައްޒަފުން އިތުރުކުރަން ހުއްދަ ދޭނީ އެ އޮޑިޓަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބައްދަލުވުން ނިންމާލައްވަމުން ކޮމިޓީގެ މުގައްރިރު ވިދާޅުވީ، ހުރިހާ މުއައްސަސާއަކުން އެދޭ އަދަދަށް ބަޖެޓު ދޭނަމަ 100 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ދާނެ ކަމަށެވެ.

އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ކުޑަ އަދަދެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް