ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނިވަލުގައި އަބުރަށް އަރައިގަތުން ބަލައެއް ނުގަނެވޭނެ: ޙުސްނީ

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެގެން އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ޙުސްނީ މިހެން ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ އެއްވެސް އިމެއް ނެތް މިނިވަންކަމެއް ނޫން ކަމަށާއި، 33 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްމެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ އަސާސީ ހައްގު ލިބިދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ އަނެކާގެ އަބުރަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ލިބިދީފައިވާ ހައްގުގެ ބޭނުން ނަހަމަގޮތުގައި ހިފުން. އެފަދަ ހާލަތްތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފާއި ހައްގު ހޯދައިދެވޭނެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮންނަންޖެހޭ،" ޙުސްނީ ވިދާޅުވިއެވެ.

ކުރިން އަބުރާ ބެހުން ހުއްޓުވުމުގެ ގާނޫނެއް ފާސްކޮށް ފަހުން އެ ގާނޫނު އުވާލަން ޖެހުނީ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުން ކަމަށް ޙުސްނީ ވިދާޅުވިއެވެ. މިހާރު ހުށަހަޅާފައިވާ ބިލަކީ އަބުރަށް އަރައިގަތުމުން މަދަނީ ދައުވާ އުފުލައިގެން ބަދަލު ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށާއި، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގެ ދަށުން މި ބިލު ހުށަހެޅީ ގާނޫނީ ގޮތުން އުފެދިފައިވާ ހުސްކަން ފޫބެއްދުމަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރުން މަގާމުން ވަކިކުރަނީ ސުލޫކީ މިންގަނޑާ ޚިލާފުވުމުން ކަމަށާއި، އެފަދަ މައްސަލަތައް ބަލަނީ މަދަނީ މިންގަނޑުން ކަމަށްވެސް ޙުސްނީ ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނޭ ގޮތަށް ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސުލޫކީ މައްސަލަތަކެއް ފެނިގެން ކަމަށާއި، އެއިން އެއްވެސް ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުރިހަމަކޮށް ހުކުމެއް އައިސްފައި ނުވާކަމެވެ.

ބިލު މިހާރު އޮތް ގޮތަށް ފާސްނުވި ނަމަވެސް، ކޮމިޓީ މަރުހަލާގައި ކަމާ ގުޅުންހުރި ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގެންނަންޖެހޭ އިސްލާހުތަކާއެކު ބިލު އަވަހަށް ފާސްކުރުމަކީ މުޅި މުޖުތަމައުގެ މަސްލަހަތަށްޓަކައި މުހިންމު ކަމެއް ކަމަށް ޙުސްނީ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް