ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އަޅާލުމާއި އަދަބު އިޙްތިރާމް ކުރުމުގެ ރިވެތި އާދަކާދަތައް ފަނޑުވެގެން ދިޔައީ، މާޒީގައި "ބިރަކާ ނުލައި މަޖާކުރުމަށް" ކުރެވުނު ގޮވާލުމުގެ ސަބަބުން ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އައިބީ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހެޅި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގެ ބަހުސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ފެށުމުން، ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މިއީ އަޅުގަނޑުމެންގެ ތެރޭގައި ބިރަކާ ނުލައި މަޖާކުރުމަށް ގޮވާލި ގޮވާލުމުގެ ނަތީޖާ. އެއްވެސް ކަމަކަށް މިހާރު ބިރެއް ނެތް. ދައްކަން ބޭނުން ކޮންމެ ވާހަކައެއް ދައްކަނީ، މީހުންގެ މުދާތަކަށް އަރައިގަންނަނީ، މީހުންގެ ވިޔަފާރި ބޮއިކޮޓްކޮށްލަނީ، އަބުރަށް އަރައިގަންނަނީ. ދެމަފިރިންގެ ދެމެދުގައި ފިތުނަ އުފައްދަނީ. ސަރުކާރާއި ރައްޔިތުންނާ ވެސް ބެހެނީ. އަދި ޤައުމު ފަސާދަކުރުމަށްޓަކައި ބޭރު ޤައުމުތަކަށް ގޮސް ޤައުމުގެ އަގުވައްޓާލަން ވާހަކަ ދައްކަނީ،" އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވި ގޮތުގައި، ކުރީ ޒަމާނުގައި ދިރިއުޅުމުގެ ހާލަތު ދަތި ނަމަވެސް، އެ ދުވަސްވަރު ފެނިގެން ދިޔައީ ކުޑަކުދިން ބޮޑެތި މީހުންނަށް ކިޔަމަންތެރިވެ އިޙްތިރާމް ކުރި، އަދި އަވަށްޓެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އޮތް މުޖުތަމަޢެކެވެ.
މީސްމީޑިއާގެ ވަސީލަތްތަކާއި ޓީވީ ޕްރޮގްރާމުތަކާއި އާންމު ސްޓޭޖުތަކުގައި މީހުންގެ އަބުރު ކަތިލަމުންދާ މައްސަލައަށްވެސް އައިބީ އަލިއަޅުއްވާލެއްވިއެވެ. ސްކޫލު ދޮށުންނާއި މަގުމަތިން ފުރައްސާރަކުރުމާއި ކުދިންގެ ފޮޓޯ ނަގައި އާންމުކުރުން ފަދަ ކަންކަން މުޖުތަމަޢުގައި އިތުރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ފައްޓަވާފައިވާ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢާއި، އަބުރު ރައްކާތެރިކުރުމަށް އަޅާ މިފަދަ ޤާނޫނީ ފިޔަވަޅުތަކުގެ ސަބަބުން މުޖުތަމަޢުގައި ފެތުރިފައިވާ ފަސާދައަށް ނިމުމެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އައިބީ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާއަށް ބިލު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ. ބިލުގައިވާ ގޮތުން، އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމުގައި ކަނޑައަޅައި، އަބުރަށް ލިބޭ މަޢުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ގެއްލުމުގެ މިނަށް ބަލައި 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ނަގައިދެވޭނެއެވެ.





