ސަރުކާރާ ގުޅުނީ ސިޔާދަތާއި މިނިވަންކަން ދިފާޢުކުރުމަށް: ޝިފާން

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު މަސައްކަތްކުރަން އަދާލަތު ޕާޓީން ނިންމީ އިސްލާމްދީނުގެ ކަންކަން ހަރުދަނާކޮށް، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާޢުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ދެ ޕާޓީ އެކުގައި މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝިފާން ވިދާޅުވީ، ސަރުކާރާއެކު މަސައްކަތްކުރަން ނިންމީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިތުރުން އަތޮޅުތަކުގައި ތިބި މެންބަރުންނާ ވެސް މަޝްވަރާކޮށްގެން ކަމަށެވެ.

"ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ ސައްތައިން ސައްތަ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުން. މިކަމަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ދިވެހިރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުން އިންޗިއެއްގެ މިންވަރުވެސް ބޭރުގެ ފަރާތަކަށް މިލްކު ނުކުރެވޭނެކަން ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައި،" ޝިފާން ވިދާޅުވިއެވެ.

އެ ކަމުގައި އަދާލަތު ޕާޓީއާއި ޕީއެންސީ އޮތީ އެއް ވިސްނުމެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދީނުގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމާއި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި ތަޢުލީމީ ނިޒާމަށް ގެންނަމުންދާ ބަދަލުތައް ހިމެނޭ ކަމަށް ޝިފާން ފާހަގަކުރެއްވިއެވެ.

އަދި މި ސަބަބުތަކަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު ކާމިޔާބުކޮށްދިނުމަށް އެކުގައި މަސައްކަތްކުރާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް