ވަހުމާއި ޝައްކުގެ މަތީގައި ބަޔަކު ތިބި ނަމަވެސް، ޤައުމުގެ ބޮޑު ބައި ކަމުގައިވާ ހޭލުންތެރި، ވިސްނުންތެރި ބުއްދިވެރިން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު ކަމަށް ޕީއެންސީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީއާއި އަދާލަތު ޕާޓީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އިސްލާމްދީނުގެ އަސާސްތައް ދެމެހެއްޓުމުގެ މަޤްޞަދުގައި އުފެދުނު، ރާއްޖޭގައި މިހާރު އޮތް އެންމެ ދުވަސްވީ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއް ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީން ރައީސް މުޢިއްޒާއެކު މަސައްކަތްކުރަން އެއްބަސްވުމުން ދޭހަވަނީ ރައްޔިތުންގެ ހިތުގައި ސަރުކާރަށް އޮތް އިތުބާރާއި ޔަޤީންކަން ކަމަށެވެ.
މާދަމާއަކީ ޕީއެންސީގެ ސަރުކާރަށް ތިން އަހަރު ފުރޭ ދުވަސް ކަމަށް ފާހަގަކުރައްވައި، އަދާލަތު ޕާޓީ ގުޅުމުން ސަރުކާރުގެ މަސައްކަތްތައް އިތުރު ގިޔަރަކަށް ދާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޤައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްޤީއަށް އޮތް ހަމައެކަނި މަގަކީ ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުން ކަމަށާއި، ރައީސް މުޢިއްޒު ވަނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ރަތް ރޮނގު ދަމްމަވައި، ރިވެތި ޑިޕްލޮމަސީގެ އުސޫލުން ބޭރުގެ ގުޅުންތައް ގާއިމުކުރައްވާފައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަޤީޤަތް އޮޅުވާލައި ފިތުނަ ފެތުރުމަކީ ޤައުމަށް އިޚްލާޞްތެރިވުމެއް ނޫން ކަމަށް ވިދާޅުވެ، އާ ވިސްނުމާއި ފިކުރާއެކު ޤައުމު ތަރައްޤީކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ.





