ރިޔާސީ އިންތިޚާބަށް ތައްޔާރުވާން ބޭނުންވާ ފައިސާ ބަޖެޓުން އުނިކޮށްފި: އީސީ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނުން (އީސީ) ހިމެނި އަދަދުތައް ފިނޭންސް މިނިސްޓްރީން އުނިކޮށްފައިވާ ކަމަށް އީސީގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއާ ކޮމިޝަންގެ ކަންބޮޑުވުންތައް މިއަދު ހިއްސާކުރައްވަމުންނެވެ. ރިޔާސީ އިންތިޚާބަށް ދުރާލާ ތައްޔާރުވުމަށް ބީލަމުން ހޯދަންޖެހޭ ތަކެތި ހޯދަން ބޭނުންވާ ފައިސާ، މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި ނެތް ކަމަށް ޝަކީލް ވިދާޅުވިއެވެ.

އަންނަ އަހަރަށް އީސީއަށް 67 މިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، އޭގެ ތެރެއިން 35 މިލިއަން ރުފިޔާ ހޭދަވަނީ ސިޔާސީ ޕާޓީތަކަށް ކަމަށާއި، ކޮމިޝަންގެ އިދާރީ ކަންކަމަށް ލިބެނީ 29.7 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުރު ގޮތަކަށް ދަންނަވާ ކަމަށް ވަންޏާ މިހާރު އަޅުގަނޑުމެންނަށް ދެއްވައިފައި މި އޮތް ބަޖެޓުން އޮފީސް ހުޅުވައި ލެއްޕުން ފިޔަވައި އަޅުގަނޑުމެންނަށް ހަމަ ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތޭ އަޅުގަނޑު ދަންނަވައިލާނީ،" ޝަކީލް ވިދާޅުވިއެވެ.

އަދި އީސީއަށް އެންގުމަކާ ނުލައި، މި އަހަރުގެ ބަޖެޓުން ވެސް ކޮމިޝަނަށް ކަނޑައަޅާފައިވާ ފައިސާގެ ބައެއް ވަނީ އުނިކޮށްފައި ކަމަށް ޝަކީލް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް