ކޮންމެ ވުޒާރާއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކެއް އެކުލަވާލައި، އެ ދާއިރާތަކުގެ ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވާލުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅައި، އެއަށް އަމަލުކުރަން ފެށުމަށް ރައީސް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
މި ކޮމިޓީތަކުގައި މެންބަރުން ކުރާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބަލައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދޭ ގޮތަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި އުސޫލުގެ މަޤްސަދަކީ، އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާމެދު މަޝްވަރާކޮށް، އެ ދާއިރާތަކާ ގުޅޭ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، ފަންނީ ތަޢުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމުގެ ފުރުޞަތު ދިނުމެވެ.
މި އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.





